އައްޑޫ ސިޓީގައި ބަހައްޓާފައި ހުރި ބުދުތައް ނަގައި ބުދުތަކުން އައްޑޫ ސިޓީ ބުދުން ތޯހިރުކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފި އެވެ.

ވިލުފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު ރިޔާޒް ރަޝީދު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައި ވަނީ "އައްޑޫގައި އެކި ސަރަހައްދުގައި މޮނިއުމެންޓްތަކުގެ ނަމުގައި ބަހައްޓާފައިވާ ބުދުތައް ވަގުތުން ނައްތާލައި އައްޑޫ ބުދުން ތޯހިރުކޮށް ރާއްޖޭގެ އިސްލާމީ ސަހުސިއްޔަތަށް ހީނަރުކަން އަތުވެދާނެ އެންމެހާ ކަންކަން ވަގުތުން ހުއްޓާލުމަށް އަދުގެ ސަރުކާރަށް ގޮވާލުމުގެ ގޮތުން ގަރާރު ފާސްކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށައަޅަމެވެ،" ގަރާރުގައިވެ އެވެ.

ގަރާރުގައި އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވި ފަހުން، އިސްލާމްދީން ނޫން އެހެން ދީންތަކަށް ޖާގަ ދިނުމަށް ފާޅުގައި މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ އެކިރަށްރަށުގައި ބުދުބަހައްޓައި ރާއްޖެއަކީ ސަތޭކަ ޕަސަންޓް މުސްލިމު ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހިން ކުރާ މަސައްކަތަށް ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ.

ގަރާރުގައި އަދި ބުނެފައި ވަނީ އައްޑޫގެ އެކި ސަރަހައްދުތަކުގައި އެތަކެތި އާންމުންނަށް ފެންނާހެން ބަހައްޓާފައިވާތީ، އޭގެ ސަބަބުން އެ ސިޓީގެ "ރައްޔިތުންގެ ރީތި ނަމާއި ޝަރަފާއި ކަރާމަތް ވެއްޔާ މޮޑެވެމުދާ ކަމަށެވެ. އެހެންކަމުން އައްޑޫގެ ރައްޔިތުންނާއި ދިވެހި އެންމެހާ ރައްޔިތުން މިރާއްޖެ ސަތޭކަ ޕަސަންޓު މުސްލިމް ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތަށް ސަރުކާރުގެ ބޯހަރުކަން ދޫކޮށް ލުމަށް ފަހު ބުދުތައް ވަގުތުން ވަގުތަށް ނަގަން ޖެހޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ގަރާރާއި ގުޅެގޮތުން މަޖިލިހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ ގަރާރު މަޖިލީހަށް ލިބިފައިވާކަމަށާއި ބަލަން ޖެހޭ ބެލުންތައް ބެއްލެވުމަށް ފަހު މަޖިލިހުގެ ތަޅުމަށް ހުށައަޅާނެކަމަށެވެ.