23 Nov 2011, 09:39
ޤާހިރާ (ނޮވެމްބަރ 23) : މިސްރަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ގަޑުބަޑުތަކުން ޤައުމު ސަލާމަތްކުރާނެ ވަގުތީ ސަރުކާރެއް އުފައްދައި ރިޔާސީ އިންތިޚާބު އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމައިފިކަން އެޤައުމުގައި ވެރިކަންކުރާ ޢަސްކަރީ އެންމެމަތީ މަޖިލީހުން އިޢްލާންކޮށްފި އެވެ.
މިކަން އިޢްލާން ކުރެއްވީ ޢަސްކަރީ މަޖިލީހުގެ ރައީސް ފީލްޑް މާޝަލް މުޙައްމަދު ޙުސައިން ތަންތާވީ ޤައުމާ މުޚާތަބުކުރައްވައި ރޭ ދެއްވި ޚިތާބެއްގަ އެވެ. ޢަސްކަރީ މަޖިލީހުން މިނިންމުންތައް ނިންމީ މިހާރު ކުރިމަތިވެފައިވާ ސިޔާސީ ގަޑުބަޑުތަކުން މިސްރު ސަލާމަތްކުރުމަށް ކަމަށް ތަންތާވީ ވިދާޅުވި އެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކާ މިސްރުގެ ވެރިކަން ޙަވާލުނުކޮށް ވެރިކަމުގައި ދެމިތިބުމުގެ އެއްވެސް ރޭވުމެއް އަދި ވިސްނުމެއްނެތް ކަމުގެ ޔަގީންކަން ވެސް ތަންތާވީ ދެއްވި އެވެ.
ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޤާހިރާގެ މައިދާނުއްތަޙްރީރަށް މިލިޔަނުން މީހުން އެއްވެ ޢަސްކަރީ މަޖިލީހާ ދެކޮޅަށް މުޒާހަރާކުރީ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރަކާ މިސްރުގެ ވެރިކަން ޙަވާލުނުކޮށް ދިގު މުއްދަތަކަށް ވެރިކަމުގައި ދެމިތިބުމަށް އެ މަޖިލީހުން މަސައްކަތް ކުރާކަމަށް ބުނެ މިސްރުގެ ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން އިސްކޮށްތިބެގެން ޢާންމުރައްޔިތުންނާއެކުގަ އެވެ. މިމުޒާހަރާތަކާ ދެކޮޅަށް މިސްރުގެ ސަލާމަތީ ފަރާތްތަކުން ބާރުގެ ބޭނުންކޮށް މީހުންމަރާފައި ވަނީ ޙުސްނީ މުބާރަކްގެ ޑިކްޓޭޓާޝިޕްގެ ދުވަސްވަރު ކަންތައްތައްކުރި އަނިޔާވެރިގޮތަށްކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ވަނީ ސިފަކޮށްފަ އެވެ. ޢަސްކަރީ މަޖިލީހާ ދެކޮޅަށް މައިދާނުއްތަޙްރީރުގައި މުޒާހަރާކުރި މީހުންގެ ގަޔަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި 33 މީހުން މަރާލިކަމަށް ޚަބަރުތައް ބުނެއެވެ.
އިއްޔެވެސް މައިދާނުއްތަޙްރީރުގައި ޢަސްކަރީ މަޖިލީހާ ދެކޮޅަށް މިލިޔަނެއްހާ މީހުން މުޒާހަރާކޮށްފައިވެ އެވެ. މީގެއިތުރުން މިސްރުގެ އެހެން ސަރަޙައްދުތަކުގައި ވެސް ޢަސްކަރީ މަޖިލިސް އިސްތިޢުފާދީ ރިޔާސީ އިންތިޚާބުގެ ތާރީޚު އަވަސްކުރުމަށް ގޮވާލައި ކުރި މުޒާހަރާތައް ރޭ ދަންވަންދެން ވެސް ކުރިޔަށްދިޔަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިސްރުގައި ހިނގަމުންދާ ގަޑުބަޑުތަކާ ގުޅިގެން ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ޢިސާމް ޝަރަފްއާއި އޭނާގެ ކެބިނެޓް ވަނީ އިސްތިއުފާދީފަ އެވެ.
ޢަސްކަރީ މަޖިލީހުން ވަގުތީ ސަރުކާރުގެ އިސްތިއުފާ ޤަބޫލުކުރުމަށް ކުރިން ދެކޮޅުހެދިނަމަވެސް އިއްޔެވަނީ ވަގުތީ ސަރުކާރުގެ އިސްތިއުފާ ޤަބޫލުކޮށް ސިޔާސީ ގަޑުބަޑުތަކުން ޤައުމު ސަލާމަތްކުރާނެ ވަގުތީ ސަރުކާރެއް އުފެއްދެންދެން ވަގުތީ ގޮތުން މަޤާމުގައި ދެމިތިބުމަށް ޢަސްކަރީ މަޖިލީހުން ޝަރަފްގެ ކެބިނެޓަށް އަންގާފަ އެވެ. ތަންތާވީގެ ޚިތާބުގައި ރިޔާސީ އިންތިޚާބު އަންނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ނިންމައިފިކަން އިޢްލާންކުރެއްވި ނަމަވެސް އެކްޓިވިސްޓުންނާއި ސިޔާސީ ފަރާތްތަކުން ވަނީ އިންތިޚާބުގެ ތާރީޚު މާލަސްކަމަށްބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. (އަލްޖަޒީރާ+އަލްއަހްރާމް)