ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން ދެ ވަނަ ފަހަރަށް މެދު ކަނޑާލައިފި އެވެ.

ކޯރަމް ގެއްލިގެން ޖަލްސާ މެދުކަނޑާޅުމަށް ފަހު، 10:00ގައި ޖަލްސާ ފެށުމަށް މަސައްކަތް ކުރި ނަމަވެސް ކޯރަމް ހަމަނުވެގެން 11:00 އަށް ޖަލްސާ ފަސްކުރައްވަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، އެ ގަޑީގައި ކޯރަމް ހަމަވެގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލިގެން ފުރަތަމަ ޖަލްސާ މެދު ކަނޑައިލީ 9:33ގަ އެވެ. ކޯރަމް ރަނގަބީލު ޖެހުމުން ވެސް ކޯރަމް ހަމަނުގެން ޖަލްސާ މެދު ކަނޑުއްވާ ލައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވީ، ކޯރަމް ހަމަ ނުވުމުން މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން ޖަލްސާ މެދު ކަނޑުއްވާލައްވަނީ 30 މިނިޓްގެ ހުސް ވަގުތުކޮޅެއް ދެއްވުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާވެސް ކޯރަމް ހަމަނުވެގެން މެދުކަނޑާލަން ޖެހުނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ހުށަހަޅުއްވާފައިވާ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުން ހިމެނެ އެވެ. އަދި އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށް ދިނުމަށް ފަހު ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމެއްނެތި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުކޮށް، ދިވެހި ވިޔަފާރިވެރިން އެއާޕޯޓުން ބޭރު ކުރަމުންދާ މައްސަލަ ކުށްވެރި ކުރުމަށް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާސު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރުމަށްވެސް ވަނީ އެޖެންށޑާ ކޮށްފަ އެވެ. މީގެ އިތުރުން ތާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ އެންމެހާ ބާރުތައް އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުން ދީފައި ވަނިކޮށް، އަތޮޅަށާއި އަތޮޅުގެ ރަށްތަކަށް އެއްވެސް ފައިދާއެއް ނުވާގޮތަށް ޅ. އަތޮޅުގެ ރަށްތައް ސަރުކާރުން އެކިފަރާތްތަކަށް ދޫކުރަމުންދާ މައްސަލައިގައި ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސަ ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރުމަށްވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މީގެ އިތުރުންވެސް ގިނަ ބިލް ތަކަށް ބަހުސްކުރުމަށް މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވިއަސް ޖަލްސާ މެދުކަނޑާލުމުގެ ކުރިން ކުރިއަށް ގެންދެވިފައިވަނީ ޖަލްސާއަށް ފުރަތަކަ ކަމަކަށް އެޖެންޑާކޮށްފައިވާ ވަޒީރުންނާ ސުވާލު ކުރުކުގެ ބައެވެ. މިއަދުގެ ޖަލްސާގައި ފ. ނިލަންދޫ ނަރުދަމާގެ ނިޒާމުގެ ހަރަދުތައް ރަށު ރައްޔިތުން ކުރަންޖެހޭ މައްސަލައިގައި، ނިލަންދޫ ދާއިރާގެ މެންބަރު އަބުދުލް މުހުސިން ހަމީދު ސުވާލު ކުރައްވާފައިވަނީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެވެ.