14:30


އެޑިއުކޭޝަން މިނިސްޓްރީން ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނާއި އަޅާނުލާކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް، އަރަބިއްޔާއަށް އާއިމާރާތެއް ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމުގައި އަރަބިއްޔާ ސްކޫލުން ބުނެފި އެވެ.


އަރަބިއްޔާ ސްކޫލް ހިންގުމަށް، އާ އިމާރާތެއް ގާއިމްކޮށްދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވެފައިވާ ވާހަކަފުޅަށް އިތުބާރު ނުކުރެވޭ ކަމަށް، އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުންދާތީ، އަރަބިއްޔާ ސްކޫލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މުސްތަޤުބަލުގައި ޢަރަބިއްޔާއަށް ހައްދަވަން ޤަސްދުކުރައްވާ ގޮތަކާމެދު މަދަރުސާގެ ބޯޑުން އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރެއްވުމުން، ސްކޫލެއް އެޅޭވަރުގެ ބަޖެޓެއް ލިބިއްޖެނަމަ ދެއަހަރު ދުވަހުގެ ތެރޭގައި އާ ސްކޫލެއް އަޅުއްވާނެ ކަމަށާއި، އެފަދަބަޖެޓެއް ނުލިބިއްޖެނަމަ ހަލާކުވި ޢިމާރާތުގެ ބަދަލުގައި އާޢިމާރާތެއް އެތަނުގައި އަޅުއްވައި ދެއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވާ ކަމަށެވެ.


 އަދި ދެ އަހަރު ދުވަހުގެތެރޭގައި އާސްކޫލެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ސްކޫލް ބޯޑުގައި ވިދާޅުވެފައިވާ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.


އަދި އާ ޢިމާރާތެއް ހޯއްދެވުމުގެ މައްސަލާގައި ޢަރަބިއްޔާއިން އޮތީ ސަރުކާރަށް އިތުބާރު ކޮށްގެން ކަމަށާއި، އެކަމާމެދު ޝައްކުނުކުރާ ކަމަށާއި، ޢަރަބިއްޔާގައި އާޢިމާރާތެއް ކުރުމަށްޓާކާ މިހާރު މަސައްކަތް ފެށިއްޖެކަން އެ މަދަރުސާއަށް ކަށަވަރު ވެފައިވާ ކަމަށާއި، އަންނައަހަރު ނިމުމުގެ ކުރިން އެމަދަރުސާގެ ދަރިވަރުން އެކުދިންގެ މަދަރުސާ ކުރިންހުރިތަނުގާ ތިބެގެން ކިޔެވޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް ވެސް އަރަބިއްޔާގެ ނޫސްބަޔާނުގައިވެ އެވެ.


މިދިޔަ ހޯމަ ދުވަހު އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައި ވަނީ، ބާވެފައިވާ އަރަބިއްޔާ ސްކޫލް ތަޅާލައި، ވަރަށް އަވަހަށް އެތަނުގައި އާ އިމާރާތެއް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެތަނުގައި އާ އިމާރާތެއް އެޅުމަށް ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި ގާތްގަނޑަކަށް އަހަރު ދުވަހުގެ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް އަޅާ ނިމޭނެ ކަމަށް ވެސް ޑރ. މުސްތޮފާ ވިދާޅުވެފައިވެ އެވެ. އަދި އެތަނުގައި ހުރި ބާ އިމާރާތް ވީހާވެސް އަވަހަކަށް ތަޅާލުމަށް މާލޭ މުނިސިޕަލްޓީގައި އެދިވަޑައިގެންފައިވާނެ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.


އެޑިއުކޭޝަން މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަނީ، މިނިސްޓަރގެ އެ ވާހަކަފުޅަކީ، އިތުބާރުކުރެވޭ ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި ސަރުކާރުން ވަމުންދާ ވައުދުތައް ފުއްދަމުން ނުދާ ކަމަށާއި، އެ ވައުދަކީ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ، އެޑިއުކޭޝަން މިނިސްޓަރގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން ވެފައިވާ ވައުދެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.


މިނިސްޓަރގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން އިދިކޮޅު ޕީއޭގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފު އާދަމް ވިދާޅުވީ، އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވިދާޅުވެފައިވާ ވާހަފުޅަކީ ނުފުއްދޭނެ ހުސްވައުދުފުޅެއް ކަމަށެވެ. އަދި އެ ސްކޫލް އެއްއަހަރު ދުވަހުގެ ތެރޭގައި އިމާރާތް ކޮށްދެއްވާނެ ކަމަށް ޑރ. މުސްތަފާ ވިދާޅުވާއިރު އެ ޕްރޮޖެކްޓްގެ އެއްވެސްކަމެއް ފެށިފައިނުވާ ކަމަށާއި، އެކަމަށް ބޭނުންވާ ފަންޑު ލިބިފައިނުވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.