މީހަކު ރުޅި އައިސްގެން ކުނިކޮތަޅަކުން ދިން ހަމަލާއެއްގެ ޝިކާރައަކަށްވި، ވެމްކޯގެ މުވައްޒަފާ އެ ކުންފުނީގެ ވެރިން ބައްދަލުކޮށް، ހިތްވަރު ދެއްވައިފި އެވެ.

މިދިޔަ އަންގާރަދުވަހުގެ ރޭ 7:45 ހާއިރު ފަނޑިޔާރު މަގުގައި ހިނގި އެ ހާދިސާގައި ކުނިކޮތަޅުން ވެމްކޯގެ މުވައްޒަފަކަށް ހަމަލާ ދީފައި ވަނީ އެ މަގުގައި ހުރި ގެއަކުން ނުކުތް ފިރިހެނަކު ވެމްކޯގައި ރަޖިސްޓްރީ ނުކޮށް، ވެމްކޯގެ ވެހިކަލް އަށް ކުނި އަޅަން އުޅުމުން އެކަން ނުކުރުމަށް ވެމްކޯގެ މުވައްޒަފު ބުނުމުންނެވެ.

އެމީހާގެ ކުނި ކޮތަޅުން ޖަހާފައި ވަނީ ވެމްކޯގެ މުވައްޒަފުގެ ބޮލުގަ އެވެ. އަދި ވެމްކޯގެ މުވައްޒަފު ގައިގައި ޖެހުމަށް ފަހު އެމީހާ ވަނީ އެތަނުން ގޮސްފަ އެވެ.

ހަމަލާ އަމާޒުވި ވެމްކޯގެ މުވައްޒަފު ޔޫނުސް އާދަމް ކޮއި އާއި ވެމްކޯގެ ވެރިން މިއަދު ބައްދަލުކޮށްފައިވާއިރު ވެމްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ހާދިސާ ހިނގާދިޔަގޮތް ބަލަމުންދާ ކަމަށާއި އެ ހާދިސާގައި ޔޫނުސް އަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ.

ވެމްކޯ އިން މަސައްކަތްކުރަނީ އެކުންފުނީގެ ވެށިފާރަވެރިންނަށް އަމާން މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށްވެސް ވެމްކޯގެ ބަޔާނުގައި ބުންޏެވެ. އެ ބަޔާނުގައި އިތުރަށް ބުނީ މުވައްޒަފުންނަށް އަމާޒުކޮށްގެންދޭ އެފަދަ ހަމަލާތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ވެމްކޯ އިން ބަލާނެ ކަމަށެވެ.

ވެމްކޯ އިން 27000 އަށް ވުރެ ގިނަ ގޭބީސީގެ ކުނި ނަގާއިރު، ރާއްޖެ "ސާފު ރާއްޖެ" އެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރާ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވެމްކޯ އިން ވަނީ އެދިފަ އެވެ.