ހއ. އަތޮޅުގޭގެ މައްސަލައިގައި ދިއްދޫގައި ހިނގި ހަމަނުޖެހުންތަކުގައި ދިއްދޫ ކައުންސިލްގެ ރައީސާއި އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މެދުގައި މާރާމާރީ ހިންގައި ދެ ބޭފުޅުން ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
އެ ދެ ބޭފުޅުންނަކީ ވެސް އެމްޑީޕީ އަށް ނިސްބަތްވާ ދެ ކައުންސިލަރުންނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ދިއްދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އަތޮޅުގޭގެ ކަންތައްކުގައި ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނައީމާއި ހއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ރަޝީދުގެ މެދުގައި ޚިލާލުތަފާތުވުންތަކެއް އުފެދިގެން މިއަދު އެ ދެ ބޭފުޅުންގެ މާރާރީއެއް ހިނގާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުން ވެސް މިހާރު ވަނީ އަތޮޅު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަތޮޅުގޭގެ ކަންތަކުގައި އެ ދެ ބޭފުޅުންގެ ދެމެދުގައި މިއަދު މާރާމާރީއެއް ހިނގާފައި ވަނީ. މިހާރު އެ ދެ ބޭފުޅުން ވެސް ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި. ލިބުނީ ކޮން އަނިޔާތަކެއް ކަމެއް އަޅުގަނޑަކަށް ނޭގެ،" އެމީހާ ބުންޏެވެ.

ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން މިއަދު ބުނީ ދިއްދޫ ކައުންސިލްގެ ނައީމް އާއި ހއ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ރަޝީދު މިއަދު ހަވީރު 5:30 އެހާކަންހާއިރު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި މިހާރު ވެސް އެ ދެ ބޭފުޅުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް ލިބިފައި ވަނީ ކޮންކަހަލަ އަނިޔާތަކެއް ކަމެއް ހޮސްޕިޓަލުން ނުބުންޏެވެ.

ދިއްދޫ ކައުންސިލްގެ ރައީސް ނައީމް އާ ގުޅާލުމުން ވިދާޅުވީ އޭނާ ބަލިވެ އުޅޭތީ މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ކަމަށާއި އަތޮޅު ކައުންސިލްގެ ރައީސް ރަޝީދު ހޮސްޕިޓަލުގައި އެޑްމިޓް ނުކުރައްވާ ކަމަށެވެ. ރަޝީދާއި ނައީމާ ދެމެދު މާރާމާރީއެއް ހިނގާފައިވޭތޯ ދެންނެވުމުން ވެސް ނައީމް ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ މަރާމާރީއެއް ނުހިނގާ ކަމަށެވެ.

"އަޅުގަނޑު ނުދެނެހުރިން މާރާމާރީއެއް ހިނގިކަމެއް. އަޅުގަނޑު މިހާރު ވެސް މިއޮތީ ބަލިވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި. އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ހޮސްޕިޓަލަކަށް ނުގެންނަވާ،" ނައީމް ވިދާޅުވި އެވެ.
ދިއްދޫ ޕޮލިސް ސްޓޭޝަނުން މިރޭ ބުނީ އަތޮޅުގޭގެ މައްސަލައިގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިއަދު މާރާމާރީ ހިންގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ ކޮން ބަޔަކު ކަމެއް ނޭނގޭ ކަމަށާއި މިހާރު އެކަން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.