ކޮލަންބޯ (ނޮވެމްބަރު 20) : ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ކަމަށް ޚަބަރު ލިބިއްޖެއެވެ.

ސްރީލަންކާގެ ނޫސްތަކުގައިވާ ބައެއް ރިޕޯޓްތައް ބުނާގޮތުން ރަނިލް މަގާމުން އިސްތިއުފާ ދެއްވަނީ އެގައުމުގެ އައު ރައީސް ގޮތަބަޔާ ގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ ފިއްތުންތަކާ ގުޅިގެންނެވެ. އައު ރައީސް ގޮތަބަޔާގެ ސަރުކާރު ހިނގައިގަންނާނީ ރައީސް އާއި ކެބިނެޓަކީ އެއް ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށް ވެގެން ކަމަށް ވިދާޅުވެ ރަނިލް މަގާމުން ދުރުކުރުމުގެ މަސައްކަތް މަހިންދަ ރާޖަޕަކްސަ މި ހަފްތާގައިވަނީ ފައްޓަވާފައި ކަމަށް ސްރީލަންކާގެ މިޑީއާ ބުނެއެވެ.

ސްރީލަންކާގެ ގާނޫނު އަސާސީ ބުނާގޮތުން އައު ރައީސަކު ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ބޮޑުވަޒީރު އިސްތިއުފާ ދެއްވައި ޕާލަމެންޓް އުވާލާކަށް ނުޖެހެއެވެ. އެހެންކަމުން ދައުރު ނިމެންދެން ބޮޑު ވަޒީރުކަމުގައި ރަނިލް އަށް ދެމިހުންނެވޭނެއެވެ. އަދި އޭނާގެ ޔޫއެންޕީގެ އަޣްލަބިއްޔަތު އޮންނަ ޕާލަމެންޓްވެސް ދެމިއޮންނާނެއެވެ. ސްރީލަންކާ މިހާރުގެ ޕާލަމެންޓުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓް މަހުއެވެ. އެހެންކަމުން އެންމެ އަވަހަށްވެސް ޕާލަމެންޓް އުވާލެވޭނީ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެކުރިން ޕާލަމެންޓް އުވާލާނަމަ އުވާލަންޖެހޭނީ ޕާލަމެންޓް މެންބަރުންގެ ތިން ބައިކުޅަ ދެބައިގެ އަޣްލަބިއްޔަތަކުން ޕާލަމެންޓް އުވާލުމަށް ގަރާރެއް ފާސްކޮށްގެންނެވެ.

ސްރީލަންކާގައި އޮންނަނީ ބޮޑުވަޒީރުގެ ކެބިނެޓެކެވެ. ކެބިނެޓްގެ ވެރިއަކީ އަދި ސަރުކާރުގެ ވެރިއަކީވެސް ބޮޑުވަޒީރެވެ. ރައީސަކީ ދައުލަތުގެ ރައީސެވެ. ނަމަވެސް ސްރީލަންކާގެ ރައީސަކީ އެގައުމުގެ ދަސްތޫރުގައި ތަންފީޒީ ބާރުތަކެއް ލިބިފައިވާ ބޭފުޅެކެވެ. އެއީ ބަރުލަމާނީ ނިޒާމުތަކުގައި އޮންނަ ގޮތަށް ރަމްޒީ ބޭފުޅެއްނޫނެވެ. ނަމަވެސް ސްރީލަންކާގެ ރައީސް އާއި ބޮޑުވަޒީރަކީ ދެ ޕާޓީއެއްގެ ބޭފުޅުންކަމަށްވާނަމަ ވަރަށް ގިނަ މައްސަލަތައް އެގައުމަށް ކުރިމަތިވެއެވެ.

އައު ރައީސް ގެ ސަރުކާރު ރަނގަޅަށް ހިނގައިގަންނާނީ ރައީސް އާއި ކެބިނެޓަކީ އެއް ޕާޓީއެއްގެ ބަޔަކަށް ވެގެން ކަމަށް މަހިންދަ ވިދާޅުވީ މިހެންވެއެވެ. މަހިންދަ ވަނީ ވޯޓު ފޮށިން ރައްޔިތުން ނިންމި ނިންމުމަށް (ރައީސްކަމަށް ކޮއްކޯފުޅު ގޮތަބަޔާ އިންތިޚާބު ކުރިގޮތަށް) ސިޔާސީ ފަރާތްތަކުން އިހްތިރާމް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިއީ ރަނިލްއަށް އިޝާރާތް ކުރައްވައި މަހިންދަ ވިދާޅުވި ވާހަކައެކެވެ.

ރަނިލް މަގާމުން އިސްތިއުފާ ދެއްވައި ޕާލަމެންޓް އުވާލައިފިނަމަ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އާންމު އިންތިހާބު ބާއްވައިގެން އައު ޕާލަމެންޓެއް އެކުލަވާލެވެންދެން ސްރީލަންކާގައި އެކުލަވާލަންޖެހެނީ ވަގުތީ ސަރުކާރެކެވެ. އެސަރުކާރުގައި ތިއްބަވާނީ ވަގުތީ ބޮޑުވަޒީރަކާއި ވަގުތީ ކެބިނެޓެކެވެ.

ރިޕޯޓްތައް ބުނާގޮތުން ރަނިލް މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އައު ރައީސް ގޮތަބާޔާ ރާޖަޕަކްސައަށް، ވަގުތީ ސަރުކާރެއް އެކުލަވާލެއްވުމުގެ ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. ގޮތަބާޔާ އެކުލަވާލައްވާ ވަގުތީ ސަރުކާރުގެ ކެބިނެޓްގައި ތިއްބަވާނީ 15 މެމްބަރުން ކަމަށާ އެ ސަރުކާރުގައި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަކަމަށް ވަނީ ބެލެވިފައެވެ. ވެރިކަން ލިބިއްޖެނަމަ ބޮޑުވަޒީރުކަން ދެއްވާނީ ބޭބޭފުޅު ރާޖަޕަކްސައަށް ކަމަށް ރިޔާސީ ކޭންޕޭންގެ ދުވަސްވަރު ގޮތަބަޔާ ވަރަށް ފަޅުކަން ބޮޑު ގޮތެއްގައި ވިދާޅުވެފައިވެއެވެ.

މަހިންދައާއި ގޮތަބަޔާ ނިސްބަތްވެ ވަޑައިގަންނަވަނީ އެދެބޭފުޅުންގެ ޕާޓީކަމަށްވާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީއަށެވެ. ކުރިޔަށް އޮތް ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރާނެކަމަށް ބެލެވިފައިވަނީވެސް އެޕާޓީންނެވެ. އޭރުން ރައީސަކަށް ގޮތަބަޔާ ހުންނަވާއިރު ބާރުގަދަ ބޮޑުވަޒީރެއްގެ ގޮތުގައި ހުންނަވާނީ މަހިންދަ އެވެ. ޕާލަމެންޓްގެ ރައީސަކަށް ވެވަޑައިގަންނަވާނީ އެދެބޭފުޅުންގެ ބޭބެފުޅު ޗަމަލް ރާޖަޕަކްސައެވެ.

މަހިންދައާއި ގޮތަބަޔާ އަކީ ސްރީލަންކާގައި ސިޔާސީ ގޮތުން މަޝްހޫރު އަދި ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ދެބޭފުޅުންނެވެ. އެދެބޭފުޅުންގެ އަވަހާރަވެފައިވާ ބައްޕާފުޅު ޑީއޭ ރާޖަޕަކްސައަކީ އިނގިރޭސި އިސްތިއްމާރުން ސްރީލަންކާއަށް މިނިވަންކަން ހޯދައި ދިނުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ގައުމީ އަދި ވަތަނީ ފިކުރުގެ ޝަޚްސިއްޔަތެކެވެ. ބޭބޭފުޅު މަހިންދަ ރާޖަޕަކްސައަކީ ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާފައިވާ ޝަޚްސިއްޔަތަކަށްވާއިރު ގޮތަބަޔާގެ އަނެއް ދެބޭބެ ކަމަށްވާ ޗަމަލް ރާޖަޕަކްސައާއި ބާސިލް ރާޖަޕަކްސައަކީ މިހާރުވެސް ސްރީލަންކާގެ ޕާލަމެންޓްގެ ދެމެންބަރުންނެވެ. ޗަމަލް ރާޖަޕަކްސަވަނީ ޕާލަމެންޓްގެ ރައީސްކަމުގެ މަގާމު ކުރިން އަދާ ކުރައްވާފައެވެ. (ސްރީލަންކާގެ މީޑިއާ)