ވިއެނާ (ނޮވެމްބަރު 20): އޮސްޓްރިއާގައި އެޑޮލްފް ހިޓްލަރު އުފަންވި ގެ، ޕޮލިސް ސްޓޭޝަނަކަށް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޖަރުމަންވިލާތުގެ ކުރީގެ ހުދުމުހުތާރު ވެރިޔާ ހިޓްލަރު އުފަންވީ 20 އޭޕްރިލް 1889ގައި އޮސްޓްރިއާގެ ބްރައުނައު އަމް އިން ކިޔާ ކުޑަ ޓައުންއެއްގަ އެވެ. އެތަން އޮންނަނީ އެގައުމާއި ޖަރުމަނުގެ ބޯޑަރު ކައިރީގަ އެވެ.

ހިޓްލަރު އުފަންވި ގޭގައި އޭނާ ހޭދަކުރީ އެންމެ ތިން އަހަރު ކަމަށްވީ ނަމަވެސް، އޭނާގެ ނާޒީ ފިކުރަށް ތާއިދު ކުރާ މީހުން އަދިވެސް އޭނާއަށް އިހުތިރާމު ކުރުމުގެ ގޮތުން އެ ގެ ކައިރިއަށް އެއްވެ އެވެ.

އޮސްޓްރިއާގެ އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި ހިޓްލަރު އުފަންވި ގެ ފުލުހުންގެ އޮފީސްތައް ހުންނަ އިމާރާތަކަށް ބަދަލު ކުރަން ނިންމީ، އެ ގެޔަކީ ނާޒީ ޕާޓީގެ ހަނދާންތައް އާ ކުރާ ގެޔެއްގެ ގޮތުގައި ބޭނުން ކުރުމަށް ފުރުސަތު ނުދިނުމަށެވެ. އަދި އެ އިމާރާތް ދެން ޑިޒައިން ކުރާނެ ގޮތުގެ ކުރެހުންތައް ހުށަހެޅުމަށް މުޅި ޔޫރަޕިއަން ޔޫނިއަންގައި މުބާރާތެއް ބާއްވާނެ ކަމަށާއި، އޭގެ ތެރެއިން އެއް ޑިޒައިން އަންނަ އަހަރުގެ ކުރީކޮޅު ހޮވާނެ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ޖަރުމަނުގައި 1933އިން 1945އަށް އޮތް ހިޓްލަރުގެ އަނިޔާވެރި ވެރިކަމުގައި އޭނާ ޕޮލެންޑަށް އަރާ، ދެވަނަ ބޮޑު ހަނގުރާމަ ފެށުމުގެ ސަބަބަކަށްވި އެވެ. އެހަނގުރާމައިގައި 85 މިލިއަނާ ގާތްކުރާ ވަރުގެ އަދަދަކަށް މީހުން މަރުވި ކަމަށް ބެލެވެ އެވެ.