ރަޝީދް ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން (އާރްސީސީ) ހުޅުމާލޭގައި މިސްކިތެއް އެޅުމަށް ބިން ހަވާލުކޮށްފި އެވެ.

އެޗްޑީސީ އާއި އާރްސީސީއާ ދެމެދު މިކަމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމދެވެ. އާރްސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދެވެ.

އާރުސީސީގެ އަމިއްލަ ހަރަދުގައި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އަޅާ މި މިސްކިތަކީ 1500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިސްކިތް އަޅަނީ ރެޑްކްރެސެންޓު އިމާރާތުގެ ފަހަތުން އޮންނަ ބިމުގަ އެވެ.

އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން މިސްކިތުގެ މަސައްކަތް ނިންމައި ދެ އަހަރު ތެރޭ އެޗްޑީސީ އާ ހަވާލު ކުރަން ޖެހެ އެވެ.

ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނަ އިރު މިސްކިތްތަކުގައި ޖާގައިގެ ދަތިކަން ހުރުމުން ވަގުތީ ދެ މިސްކިތް ވަނީ ގާއިމް ކޮށްފަ އެވެ. ވަގުތީ ދެ މިސްކިތާ އެކު ހަތް މިސްކިތް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުރެ އެވެ.