އަލްޖަޒާއިރު (ނޮވެމްބަރ 22) : އެމެރިކާއަކީ ޑިމޮކްރެޓިކް ޤައުމެއްނޫން ކަމަށް އެމެރިކާގެ ފިލްމީ ދާއިރާގެ މުފައްކިރެއް ކަމަށްވާ އޮލިވަރސްޓޯން ސިފަކުރައްވައިފިއެވެ. އަލްޖަޒާއިރުގައި ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުން އޮލިވަރ ސްޓޯން ވިދާޅުވީ ދުނިޔޭގެ ޒަމީރާ ދެކޮޅަށް އދ. ސަލާމަތީ މަޖިލީހުގައި އެމެރިކާ ބޭނުން ކުރަމުން ގެންދާ ޚުދުމުޚްތާރު ވީޓޯއަކީވެސް އެމެރިކާއަކީ ޑިމޮކްރެޓިކް ޤައުމެއްނޫންކަން ހާމަވާ ކަމެއް ކަމުގައެވެ.

އޮލިވަރ ސްޓޯން ވިދާޅުވީ އެމެރިކާގެ ރައްޔިތުންނަކީ ރަނގަނޅު ބައެއްނަމަވެސް އެމެރިކާގެ ވެރިކަމުގެ ބާރު ރައްޔިތުންނަށް ލިބިފައިނުވާ ކަމަށާއި އެމެރިކާގެ ވެރިކަމުގެ ޙަޤީޤީ ބާރުތައް އޮތީ މުއްސަނދި ދަހިވެތި ކުންފުނިތަކާއި ޔަހުދީ ޒަޔަނިސްޓްލޮބީގެ އަތްދަށުގައި ކަމުގައެވެ. މިފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައި އެމެރިކާގެ ވެރިކަމުގެ ބާރުތައް އޮތުމުން އެމެރިކާގެ ސިޔާސަތުތައް ބިނާވެފައިވަނީ ހަނގުރާމައާއި ތަޅާފޮޅުމާއި ފަނާކުރަނިވި ހަތިޔާރުތައް އުފެއްދުމާއި އެމެރިކާ ނުރުހޭ ޤައުމުތަކަށް ބިރުދައްކައި ދުނިޔޭގައި ބިރުވެރި މާޙައުލެއް ޤާއިމްކުރުމާއި އެމެރިކާގެ ރައްޔިތުންގެ ބޭނުންތަކަށް އަޅާނުލުމުގެ މައްޗަށެވެ.

އެމެރިކާގައި އޮންނަ އިޖްތިމާޢީ އަދި ޢިޤްތިސާދީ ނިޒާމްގެ އަނިޔާވެރިކަން ބޭޒާރުކޮށް ވޯލްސްޓްރީޓް ހިފުމަށް ގޮވާލައި އެމެރިކާގެ ޒުވާނުން ހިންގަމުން ގެންދާ މަދަނީ ޙަރަކާތްތަކަކީ މިކަމުގެ ހެއްކެތް ކަމަށް އޮލިވަރ ސްޓޯން ސިފަކުރެއްވިއެވެ. ވޯލްސްޓްރީޓާ އިދިކޮޅު ޙަރަކާތްތަކަކީ އެމެރިކާގެ ޙަޤީޤީ ސޫރާފެންނަ މަދަނީ ޢަދާލަތުގެ ހަރަކާތްތަކެއް ކަމަށާއި މިޙަރަކާތްތަކުގެ މަޤްސަދަކީ މަދަނީ ޢަދާލަތުގެ އިންޤިލާބެއް އެމެރިކާއަށްގެނަސް ދަހިވެތި ކުންފުނިތަކާއި ނަސްލީ އިމްތިޔާޒުގެ ލޮބީ ތަކުގެ އަޅުވެތިކަމުން އެމެރިކާ މިނިވަންކުރުމުގެ ފެށުންކަމަށް އޮލިވަރ ސްޓޯން ސިފަކުރެއްވިއެވެ. "އޮކިއުޕައި ވޯލްސްޓްރީޓް" ޙަރަކާތްތަކުގެ ޒުވާނުންނަށް އޮލިވަރސްޓޯން ގޮވާލެއްވީ އެމީހުންގެ އިޙްތިޖާޖްތައް ވޮޝިންގޓަނަށް ގެންދިޔުމަށެވެ.

"ވޯލްސްޓްރީޓް 1987" ފިލްމާއި "ވޯލްސްޓްރީޓްމަނީ ނެވަރ ސިލްޒް 2010" ފިލްމުގެ ޑައިރެކްޓަރ އޮލިވަރ ސްޓޯން ވިދާޅުވީ އެމެރިކާގެ ހަނގުރާމާއާއި ތަޅާފޮޅުމުގެ ސިޔާސަތުތަކުގެ ކަށްގަލަކީ އެމެރިކާގެ މެދުފަންތީގެ ރައްޔިތުންނާއި ފަގީރުން ކަމުގައެވެ. އެމެރިކާގައި ވެރިކަންކުރާ އިންޕީރިއަލިސްޓް "އަނިޔާވެރި ނިޒާމް" ގުޑުވާލުމަށާއި ވައްޓާލަން ވަރަށް އުނދަނގޫ ވާނެކަމަށާ ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށްއޭނާ ވިދާޅުވިއެވެ.

އޮލިވަރ ސްޓޯންއަކީ ވިއެޓްނާމް ހަނގުރާމައަށްފަހު އުފެއްދި "އެމެރިކާގެ 30 އަހަރުގެ ދޮގު" ފިލްމާއި "ޕްލަޓޯން 1986" ފިލްމުގެ ވެސް ޑައިރެކްޓަރެވެ. އޭނާ ވިދާޅުވީ އެމެރިކާގެ ލީޑަރުން އެމެރިކާގެ ރައްޔިތުން އަބަދުވެސް ގެންގުޅެނީ ކޮންމެވެސް "ފޯބިޔާ"ގައި ކަމަށާއި ކޮމިއުނިސްޓް ފޯބިޔާގައި ރައްޔިތުން ގެންގުޅުމަށްފަހު މިހާރު އެމެރިކާގެ ރައްޔިތުން ގެންގުޅެނީ އިސްލާމް ފޯބިޔާގައި ކަމުގައެވެ.

އެމެރިކާގެ ޢަސްކަރީ ސިނާޢަތާއި ފަނާކުރަނިވި ހަތިޔާރުގެ ސިނާއަތަށް އަލިއަޅުވާލައްވަމުން އޮލިވަރ ސްޓޯން ވިދާޅުވީ އެމެރިކާއަކީ ނުރައްކާތެރި ޤައުމެއް ކަމަށާއި އެމެރިކާގެ ނިޒާމުން ދުނިޔެ ފަނާކޮށްފާނެ ކަމުގެ ބިރަކީ ޙަޤީޤީ ބިރެއް ކަމުގައެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ވާހަކަ ދެއްކުމުގެ މިނިވަންކަން އެމެރިކާގައި ނޯންނަކަން ހާމަކުރައްވަމުން، އެމެރިކާގެ މީޑިޔާއާއި ފައިސާއާއި ސިޔާސީ ބޭފުޅުން ތިބީ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ މަޅީގައި ރަނގަނޅަށް ޖައްސާފައި ކަމަށް އޮލިވަރ ސްޓޯން ސިފަކުރެއްވިއެވެ.

އޮލިވަރ ސްޓޯން މިހާރު އުފައްދަވަމުން ގެންދަވަނީ އެމެރިކާގެ ފަތިފުށް ހާމަކޮށްދޭ ފިލްމެއް ކަމަށްވާ "ދި އަންޓޯލްޑް ސްޓޯރީ އޮފް ދި ޔޫ.އެސް" އެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)