20 Nov 2019, 12:26
ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އެޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އެ ކޮމިޝަނުން އެކަން ޔަގީންކޮށްދެމުން ކުރި ޓްވީޓެއްގައި ބުނީ ލޯކަލް ކައުންސިލް އިންތިހާބު 2020 ވަނަ އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އީސީއިން ހާމަކުރި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނީ އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތާރީހެއްގަ އެވެ. އެހެން ނަމަވެސް، އޭރު ސީދާ ތާރީހު ހާމައެއް ނުކުރެ އެވެ. އަދި އީސީއިން އޭރު ހާމަކުރި ގޮތުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާނީ، އަންނަ ފެބްރުއަރީ މަސްތެރޭގަ އެވެ.
މީގެ އިތުރުން އެ އިންތިހާބުގައި ވޯޓް ފޮށީގެ އަދަދު 178 އަކަށް އިތުރުކޮށް ކޮންމެ ފޮއްޓަކަށް ވޯޓް ލެވޭ މީހުންގެ އަދަދު މަދު ކުރަން ވަނީ ނިންމައިފަ އެވެ. އަދި ވޯޓް ފޮށިތައް އިތުރު ކުރާތީ، އެ އިންތިހާބަށް ބޭނުންވާ އޮފިޝަލުންގެ އަދަދުވެސް 6،000 އާއި 7،000 ދެމެދުގެ އަދަދަކަށް އިތުރުވާނެ ކަމަށް ވެސް އީސީއިން ވަނީ ލަފާކޮށްފަ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ވިހި ވިހީގެ ބަޖެޓްގައި ކައުންސިލް އިންތިހާބަށް ހިމަނާފައި ވަނީ 56.2 މިލިއަން ރުފިޔާ އެވެ. އެއީ އެކަށީގެންވާ އަދަދެއް ކަމަށް އީސީއިން ބުންޏެވެ.
ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ އިރު، ލޯކަލް ކައުންސިލްގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ސަރުކާރުން ވަނީ މަޖިލީހަށް މިހާރު ބިލެއް ހުށަހަޅައިފަ އެވެ. އެގޮތުން، ގެންނަ މައިގަނޑު އިސްލާހުތަކަކީ؛
ކައުންސިލް ތަކުގެ ދައުރު ފަސް އަހަރަށް އިތުރުކުރުން
- މޭޔަރާއި، ޑެޕިއުޓީ މޭޔަރު، ކައުންސިލް ރައީސް އަދި ނައިބު ސީދާ ރައްޔިތުންގެ ވޯޓުން އައްޔަން ކުރުން
- ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ދިނުން
- ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުން
- ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ހުރިހާ ކައުންސިލަކަށް ބެހުން.
- ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުން.
- ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން، އަގު ފަސް މިލިއަނަށްވުރެ ކުޑަ މަޝްރޫއުތައް، އެ ކައުންސިލަކުން ހިންގާ ގޮތަށް ހަމަޖެއްސުން.
- ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފަދަ އާންމު ހިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމުގެ ބާރު ދިނުން.
- ކައުންސިލުގެ ޒިންމާދާރު ވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުން.
- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ހަމަޖެއްސުން.
އީސީއިން ބުނެފައިވާ ގޮތުގައި އެ ބަދަލުތަކާ އެކު އިންތިހާބު ބާއްވަން ހިނގާ ބައެއް ހަރަދުތައް އިތުރުވުން އެކަށީގެންވެ އެވެ. މިހާރު އޮތް ބަޖެޓަށް ވުރެ، ހަރަދު އިތުރުވާ ނަމަ ފިނޭންސްގެ ހާއްސަ ބަޖެޓުން އެ ފައިސާ ހަމަޖައްސައި ދޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށް ވެސް އީސީއިން ބުންޏެވެ.