މޮސްކޯ (ނޮވެމްބަރ 22) : ނިއުކްލިޔަރ މައްސަލާގައި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން އެކަހެރި ގޮތެއްގައި އީރާނާ ދެކޮޅަށް އަޅަމުން ގެންދާ ދަތިކުރުމުގެ ފިޔަވަޅުތަށް، ރަޝިޔާއިން ކުށްވެރިކޮށްފިއެވެ.

ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރގީ ލާވްރޯވް ވިދާޅުވީ އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހޭ އެއްވެސް ސަބަބެއްނެތް ކަމަށާއި ބައިނަލްއަޤްވާމީ މުޖްތަމަޢާ އެކަހެރި ގޮތެއްގައި އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއް ކަމުގައެވެ. އެހެންކަމުން ހުޅަނގުގެ ފިޔަވަޅުތަކަށް ރަޝިޔާ ތަބާ ނުވާނެ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ކަމަށްބުނެ އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އެޖެންސީ (އައި.އޭ.އީ.އޭ) ން މިމަހުގެ ކުރީކޮޅު ނެރުނު ރިޕޯޓްގައި އައުވާހަކަތަކެއް ނެތްކަމަށާއި އޭގައިހުރީ މީގެ އެއްއަހަރުކުރިން އީރާނާބެހޭގޮތުން އެއެޖެންސީން ނެރެފައިވާ ރިޕޯޓްގައިހުރި ވާހަކަތަކުގެ ޢިބާރާތްތައް ބަދަލުކޮށްފައި ކަމަށް ރަޝިޔާއިން ބުނެއެވެ.

އީރާނުންބުނީ އައި.އޭ.އީ.އޭ.ގެ ރިޕޯޓަކީ އެމެރިކާ ނުފޫޒުފޯރުވައިގެން ތައްޔާރުކޮށްފައިވާ ސިޔާސީ ރިޕޯޓެއް ކަމަށާއި އައި.އޭ.އީ.އޭ.ގެ ވެރިޔާ ޔުކިޔޯ އަމާނޯއަކީ އެމެރިކާގެ ކޮންޓްރޯލްގެ ދަށުގައިވާ ބޭފުޅެއް ކަމުގައެވެ. އަދި މިރިޕޯޓާގުޅިގެން އައި.އޭ.އީ.އޭ.ގެ އިތުބާރު ގެއްލިފައިވާތީ ނިއުކްލިޔަރ ކަންކަމުގައި އެ އެޖެންސީއަށް އެއްބާރުލުން ދިނުމާބެހޭ މުޢާހަދާއިން ވަކިވާންޖެހިދާނެ ކަމުގެ އިންޒާރުވެސް އީރާނުން ވަނީ ދީފައެވެ. މިރިޕޯޓާގުޅިގެން އީރާނުގެ ނިއުކްލިޔަރ މައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް ގެންދިޔުމަށް އެމެރިކާއާއި ޔޫރަޕް ކުރިމަސައްކަތަށް އައި.އޭ.އީ.އޭ.ގެ ގަވަރނިންގ ކައުންސިލުން އެއްބާރުލުން ނުދިނުމުން އދ. މެދުވެރިކޮށް އީރާނާދެކޮޅަށް އިތުރުފިޔަވަޅުތައް އެޅުމުގެ ފުރްސަތު މިފަހަރު ހުޅަނގަށް ވަނީ ގެއްލިފައެވެ.

ހުޅަނގުގެ ޤައުމުތަކުން މިހާރު ގެންދަނީ އެކަހެރިގޮތެއްގައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން އީރާނުގެ ބެންކްތަކާ މުޢާމަލާތްކުރުން މުޅިން ހުއްޓާލުމަށް އިނގިރޭސިވިލާތުން އިއްޔެ ނިންމާފައިވާއިރު އެމެރިކާވަނީ އީރާނުގެ ތެލާއި ގޭހުގެ ސެކްޓަރގައި މަސައްކަތްކުރާ ހުރިހާ ކުންފުނިތަކަކާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައްއެޅުމަށް ނިންމާފައެވެ. އެމެރިކާއާއި ޔޫރަޕްގެ ޤައުމުތަކަކީ މީގެ 33 އަހަރުކުރިން ފެށިގެން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ގެންގޮސްފައިވާ ޤައުމުތަކެއްކަމަށްވާތީ އެޤައުމުތަކުން އީރާނާދެކޮޅަށް ދެންއަޅާނެ މާބޮޑު ފިޔަވަޅުތައްނެތް ހިސާބަށްވަނީ ގޮސްފައެވެ.

33 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކުން އީރާން އިނދަޖައްސާލެވިފައިނުވާތީ އިތުރުފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއާމެދު ހުޅަނގުގެ ތަޖްރިބާކާރުންވެސްވަނީ ސުވާލު ކުރައްވާފައެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރްޖަމާން ރަމޭން މެހްމާ ބްރާސްތް މިއަދު ވިދާޅުވިގޮތުގައި 33 އަހަރުގެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު އީރާން އިތުރަށް ކުރިޔަށްގޮސް ވަރުގަދަވުމުން އެމެރިކާއާއި ޔޫރަޕްވަނީ މާޔޫސްވެފައެވެ. ނިއުކްލިޔަރ މައްސަލާގައި ކަމަށްބުނެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ ސައެންސާއި ޓެކްނޮލޮޖީގެ ހުރިހާ ރޮނގެއްގައި ހަލުއިކަމާއެކު އީރާން ކުރިޔަށްގޮސް ސިނާޢީ ޤައުމަކަށް އީރާން ބަދަލުވަމުންދާދިޔުން ހަޖަމުނުކުރެވިގެން ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ރަޝިޔާ، ޗައިނާ، ބްރަޒީލް، އިންޑިޔާ އަދި ދެކުނު އެފްރިކާފަދަ އިޤްތިސާދީ ބާރުތަކަށް ބަދަލުވަމުންދާ ޤައުމުތަކުން އީރާނާ ދެކޮޅަށް ފިޔަވަޅު ނާޅާނަމަ އެމެރިކާއާއި ޔޫރަޕުން އީރާނާ ދެކޮޅަށް މިހާރު އަޅަމުންގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް އީރާނަށް ނުކުރާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)