20 Nov 2019, 10:37
ސަލަފް ޖަމްއިއްޔާއަށް ޓެރަރިޒަމްގެ ތުހުމަތު ކުރެވޭތީ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ބާއްވާ ކޮމިޓީ ސިއްރު ކުރަން ނިންމައިފި އެވެ.
މިއަދު 9:30 ގައި އޮތް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އޮތީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓް ދިރާސާކުރި ސަބް ކޮމިޓީގެ ރިޕޯޓާ މެދު ގޮތެއް ނިންމުމެވެ. އެހެން ނަމަވެސް، އެ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ ސަލަފް ޖަމްއިއްޔާއިން ޓެރަރިޒަމްގެ ހަރަކާތްތަކަށް ވާގިދޭތީ އެ ޖަމްއިއްޔާއާ މެދު ފިޔަވަޅު އެޅުމަށް އެ މައްސަލަ ދިރާސާކުރި ސަބް ކޮމިޓީއިން ނިންމައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި އެކަމާ މެދު މިއަދު އެ ކޮމިޓީއިން ގޮތެއް ކަނޑައެޅުން އެޖެންޑާކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
މަޖިލީހުގެ 241 ކޮމިޓީން ކޮމީޝަންގެ ރިޕޯޓުގައި ހުރި ކަންކަން ބަލަން ފެށީ މިދިޔަ ހޯމަ ދުވަހުއެވެ. އެދުވަހު ބޭއްވި ކޮމިޓީގައި އެ ރިޕޯޓާ ގުޅިގެން ހަތް ކަމެއް ބަަލަން ނިންމައި ސަބް ކޮމިޓީ އެކުލަވާލިއެވެ.
ރިޕޯޓާ ގުޅިގެން ބަލަން ނިންމި ކަންކަން:
- ހައްދުފަހަނަ އެޅި ޖިހާދީ ފިކުރުގެ ޖަމާއަތްތައް އިންތިޒާމްވެ ހިންގާ ގޮތާއި ރާއްޖޭގައި އެފިކުރު ފެތުރިފައިވާ މިންވަރު ދެނެގަތުން އަދި އެ ޖަމާއަތްތަކާ ގުޅޭ މައުލޫމަތުތައް ހޯދުން
- ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލު ހޯދުން
- ރާއްޖޭގެ ޖިހާދީ ޖަމާއަތްތައް ލިސްޓްކޮށް، އެ ޖަމާއަތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުން
- އަފްރާޝީމްގެ މަރާލަން އުޅޭކަން މައުލޫމަތުތައް އެނގި ހުރެ ސިއްރު ކުރި މީހުން ދެނެގަތުން
- އެ މަރުގައި ފުލުހުންގެ އިހުމާލެއް ނުވަތަ ބައިވެރިވުމެއް އޮތްތޯ ބެލުމަށް
- ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން މިހާރު ތިބި ތަނެއް ބަލައި، އެމީހުންގެ މިހާރު ހާލަތު ދެނެގަތުން
- ލަސްނުކޮށް މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުން
އެ ހަތް ކަންތައް ބެލުމަށް އެކުލަލާވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފާއި، މަޑުއްވަރީ ދާއިރާ މެމަބަރު އާދަމް ޝަރީފް އަދި ފަރަސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
ސަލަފް ޖަމިއްޔާއާ މެދު ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން ނިންމި ކަމަށް ނަޝިދު ވިދާޅުވި އިރު، އިއްޔެ ބޭއްވި މަޖިލިސް ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ސަލަފް ޖަމިއްޔާ އުވާލުމަށް ގޮވާލާފައެވެ.
އެމްޑީޕީ މެމްބަރުން ސަލަފް އުވާލުމަށް ގޮވާލާފައި މި ވަނީ، އިސްލާމް ދީނާ ހިލާފް ވާހަކަތަކެއް ހިމަނައި ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ މައްސަލަ ހޫނުވެފައިވަނިކޮށް އެމްޑީޕީން ޖަމިއްޔާތައް އުވާލުމަށް ތާއީދު ނުކުރާ ކަމަށް ބުނެ ބަޔާން ނެރެފައިވަނިކޮށެވެ.
މަރު ކޮމިޝަނުން ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ހަދާފައިވާ ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތަކެއް ކުރުމާގުޅިގެން އެމީހުންނަށް ތަބާވާ "މުޅިން ތަންދޮރު ނުފިލާ" މީހުންގެ ފަރާތުން ޑރ. އަފްރާޝީމްގެ ހަށިގަނޑާ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.