20 Nov 2019, 09:48
ޖަމިއްޔަތުލް ސަލަފުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެ އެ ޖަމާއަތަށް ފިޔަވަޅު އެޅުމަށް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ނިންމާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވައި ދެއްވާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން އެކުލަވާލާފައިވާ ރިޕޯޓެއްގައި ބުނޭ ގޮތުން ސަލަފް ޖަމާއަތުން ޓެރެރިޒަމަށް ވާގިދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން މަޖިލީހުން ފެންނަ ގޮތެއް އެ ކޮމެޓީން ބަލަން ބޭނުންވާ ކަމަށް ކޮމެޓީން ރިޔާސަތަށް އަންގާފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އެ ކޮމެޓީގެ ރިޕޯޓުގައި އެބަ ފާހަގަކުރޭ ޓެރެރިޒަމްގެ އަމަލުތަކަށް ވާގިދޭ ޖަމާއަތްތަކާއި ގުޅޭ ގޮތުން މި މަޖިލީހުން ނިންމަން ބޭނުންވާ ގޮތެއް. އެ ކޮމެޓީ ދެކޭ ގޮތުގައި އެ ރިޕޯޓް ބަޔާން އެބަކުރޭ ސަލަފް ޖަމާއަތަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި. އެހެންވީމާ އެ ޖަމާއަތާއި ގުޅޭ ގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމެޓީން ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް މައުލޫމާތު ލިބޭ،" ނަޝީދު ވިދާޅުވި އެވެ.
މެދުއިރުމަތީގެ ހަނގުރާމަ ކުރަމުންދާ ގައުމުތަކުން ހަނގުރާމައިގައި ބައިވެރިވެގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދިވެހިން ހައްޔަރު ކުރަމުންދާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، އެ ހަގީގަތް ގަބޫލުކޮށް ރާއްޖޭގައި ޓެރެރިސްޓް ޖަމާއަތްތަކާއި ނެޓްވޯކްތައް ހިނގާކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
ނަޝީދުގެ އެވާހަކަތަކަށް ނުރުހުން ފާޅު ކުރައްވައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މަޖިލީހާއި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ދީނީ އިލްމްވެރިންގެ އަނގަމަތީގައި ޓޭޕް އެޅުމަށް މަސައްތަކް ކުރަމުން އަންން ކަމަށް ވަނީ ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަން ވަގުތުން ހުއްޓާލުމަށް ވެސް ޝީޔާމް ވަނީ ގޮވާލައްވާފަ އެވެ.
ޝިޔާމްގެ ވާހަކަތަކަށް ރައްދު ދެއްވައި މަޖިލީހުގެ ރައީސް ވިދާޅުވީ، ސަލްފް ޖަމާއަތް ރަޖިސްޓްރީ ކޮށް އެ ޖަމާއަތަށް ހިންގުމުގެ ހުއްދަ ދެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. ސަލްފަ ޖަމާއަތް ރަޖިސްޓްރީ ކޮށްދިނީ ވެސް އެކަން ނުކުރުމަށް ރާއްޖޭގެ ދޮށީ އުމުރުގެ ވަރަށް ގިނަ ބަޔެކު ސިޓީއަކުން އެމަނިކުފާނަށް ދަންނަވާފައި ވަނިކޮށް ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ފެނުނު ތަނުގައި އެ ޖަމާއަތް އެދުވަހު ރަޖިސްޓްރީކޮށް ނުދިން ނަމަ އެ ޖަމާއަތް އަންޑަރ ގްރައުންޑްގައި މަސައްކަތް ފެށީސް. މިއަދު ވެސް އެ ޖަމާއަށް ހުއްޓުވައިފިއްޔާ އަޑިއަށް ދާނެ،" ނަޝީދު ވިދާޅުވި އެވެ.