ރާއްޖޭގައި މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ތަނަވަސްވެފައިވާ ކުދިންނާ އަޅާ ބަލާ އިރު، އިޖްތިމާޢީ އެކިއެކި މައްސަލަތަކުގައި ކުށްވެރިވާ ކިޔަވާ އުމުރުގެ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިހެން ވިދާޅުވީ ރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި، އޮސްޓްރޭލިޔާ ސަރުކާރުން ކޮންމެ އަހަރަކު ދޭ އޮސްއެއިޑް ސްކޮލަޝިޕް މި އަހަރު ޙާޞިލްކުރި މީހުންނަށް އޮސްޓްރޭލިއާ ސަފީރު ދެއްވި ފަރިއްކޮޅެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބް ރައީސް ދެއްކެވި ވާހަކަފުޅުގައި މިހާރު ރާއްޖޭގައި ހުރި ތަޢުލީމީ މަރުކަޒުތަކުގެ ހިންގުމަށާއި ތައުލީމީ ފެންވަރު ރަނގަޅުކުރުމަށާއި ރާއްޖޭގައި އެދެވޭ ފެންވަރެއްގެ ތަޢުލީމު ފޯރުވައިނުދެވޭ ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ޓަކައި ރާއްޖެ އިން ބޭރަށް ފޮނުވުމުގެ މުހިންމުކަމުގެ މައްޗަށްށާއި މަތީ ތަޢުލީމާ ބެހޭ ޤާނޫނެއް އެކުލަވައިލުމަށާއި ކިޔަވާ ކުދިންނަށް ފައިސާގެ އެހީ ފޯރުކޮށްދެވޭން ރަނގަޅު ނިޒާމެއް ޤާއިމްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

އަދި ވޭތުވެދިޔަ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ ތަޢުލީމީ ދާއިރާ އަށް ލިބިފައިވާ ކުރިއެރުންތަކުގެ މައްޗަށް ނައިބު ރައީސް ބައްލަވައިލައްވަމުން، ސާނަވީ އިމްތިޙާނުގައި ފަސް މާއްދާއަށް ވުރެ މަތިން ފާސްވާ ކުދިންގެ އަދަދު އިތުރުވަމުން ދިޔުމަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ވަރަށް ބާރަށް ކުރިއަރަމުންދާކަމުގެ ހެއްކެއްކަމަށް ވިދާޅުވި އެވެ.
އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިދޭ އޮސްއެއިޑް ސްކޮލަޝިޕް މި އަހަރު 42 ކުއްޖަކު ޙާޞިލްކޮށްފައިވެ އެވެ.