20 Nov 2019, 08:56
ރާއްޖޭގެ ތަރައްގީއަށް އެންމެ ބޮޑަށް ބިނާވެފައި އޮންނަނީ ދިވެހިންގެ ހިތްވަރާއި ފަންވަރުގެ މައްޗަށް ކަމަށާއި އެކަށީގެންވާ ކުޅިވަރަކީ ގައުމީ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ދޭ "ކަލާސް އެވޯޑްސް" ދިނުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ކުޅިވަރު ނުކުޅޭނަމަ ތަފާތު ބަލިތައް ޖެހުން އަވަސްވާ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ވަޒީފާއަށް ސަލާން ބުނުން ގިނަވެ، މަސައްކަތްކުރަން ދަތިވެ އަދި އުފެއްދުންތެރިކަންވެސް ދަށްވާ ކަމަށެވެ.
"ކުޅިވަރު ނުކުޅޭ ނަމަ، ހަރަކާތްތެރި ދިރިއުޅުމެއް ނޫޅޭނަމަ، މީހުންނަށް ތަފާތު ބަލިތައް ޖެހުން އަވަސްވޭ. މަސައްކަތަށް، ވަޒީފާއަށް ސަލާން ބުނުން ގިނަވޭ. މިކަމުގެ ސަބަބުން، މަސައްކަތް ކުރަން ދަތިވެ އުފެއްދުންތެރިކަން ދަށްވޭ. އާސަންދަ ފަދަ ތަންތަނުން ކުރަންޖެހޭ ހަރަދުތައް ބޮޑުވޭ. ނަތީޖާއެއްގެ ގޮތުން ގައުމުގެ ތަރައްގީގެ ދުވެލި މަޑުވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުން ދަރިވަރުންނަށް ސިއްހީ ފައިދާގެ އިތުރުން އެހެން އެތައް ކަންތައްތަކެއްވެސް ހާސިލު ކުރެވޭނެ ކަމަށެވެ. އެގޮތުން އެހެން މީހުންނާ މުއާމަލާތްކުރަން ދަސްވުމާއި، ޖެހޭ މައްސަލަތައް ހައްލުކުރަން އެނގުމާއި ކާމިޔާބުގެ ވަގުތުގައި އުފާ ފާޅުކުރުމަށާއި ނާކާމިޔާބުގައި ކެތްތެރިވުމަށް ދަސްވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކަލާސް އެވޯޑްސް 2018 ދިނުމުގެ ހަފްލާ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ދަސްވާ މުހިންމު އެހެން ކަންތައްތަކުގެ ތެރޭގައި ތަފާތު މީހުންނާ އެކީ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން އެނގޭ. ކުޅިވަރުން ކުރާ ގިނަ ފައިދާ ތަކުގެ ތެރޭގައި، އިސްކިރީނަށް ބަލާ ވަގުތު މަދުވުމާއި ޑްރަގުގެ ވަބާއިން ސަލާމަތް ވުން ހިމެނޭ." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދިރިއުޅުމުގެ އާދައަކަށް ކަމެއް ހެދޭނީ އެކަމެއް ޅަފަތުގައި ފަރިތަކޮށްގެން ކަމަށާއި، ޒުވާން ފުރާ އާއި ހަރު ދުވަސްވަރާއި މުސްކުޅި އުމުރުގައިވެސް ކަސްރަތުކޮށް ކުޅިވަރު ކުޅެ އުޅެވޭނީ މަދަރުސާ ދައުރުގައި ކުޅިވަރު ކުޅެ އުޅޭނަމަ ކަމަށެވެ.
"ފިކުރީގޮތުން ދުޅަހެޔޮވިޔަސް، ހަމަ ކޮންމެ ކުއްޖެއް ސިއްހީ ގޮތުންވެސް ދޮޅަހިވާން ވާނެ. ކުޅިވަރަކީ މުޅި ހަޔާތުގެ ހުރިހާ ދުވަސްވަރަކު ކުރާ ކަމަކަށް ވާންވާނެ. އެއީ ހަށިގަނޑަށް ދޭންޖެހޭ ހައްގެއް. ދިރިއުޅުމުގެ އާދައަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މޯލްޑިވްސް ސްކޫލް ސްޕޯޓްސް އެވޯޑްސް ނުވަތަ ކަލާސް އެވޯޑަކީ، ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ގައުމީ ފެންވަރެއްގައި ފާހަގަކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން 2014 ވަނަ އަހަރު ތައާރަފުކުރި އެވޯޑެކެވެ.
ރޭ ބޭއްވި އެވޯޑް ދިނުމުގެ ޖަލްސާގައި 14 ކުޅިވަރަކުން ޖުމްލަ 224 އެވޯޑް ވަނީ ދީފަ އެވެ.