މެންޗެސްޓާ ސިޓީ ގައި ހިތްދަތި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ލޯނުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ޓޯގޯ ފޯވާޑް އެމަނުއެލް އަޑެބަޔޯގެ ދެލަނޑުން އެކުލަބު ޕްރެމިއާ ލީގުގެ ތިންވަނަ އަށް ޖެހިލައިފި އެވެ.

ޓޮޓެންހަމް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މިމެޗުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔައީ މެޗުގެ ކޮންޓްރޯލް ގެއްލިގެން ދިޔަ މަންޒަރެވެ. މެޗުގައި ޓޮޓެންހަމް 14 ވަނަ މިނެޓުގައި އަޑެބަޔޯ ވަނީ ރީތި ލަނޑެއް ކާމިޔާބު ކޮށްފައެވެ. އަޑެބަޔޯގެ ފަރާތުން ފެނުނު ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ.

މެޗުގެ ދެވަނަ ހާފުގައި އެއްވެސް ލަނޑެއް ފެނިފައި ނުވި ނަމަވެސް އެސްޓަން ވިލާ އަށް ޓޮޓެންހަމް ހިފަހައްޓާލެވި ފައެއް ނުވެއެވެ. މެޗުގައި ޓޮޓެންހަމް އިން 22 ހަމަލާ އުފެއްދި އިރު، އެސްޓަން ވިލާ އަށް އުފެއްދިފައި ވަނީ އެންމެ ތިން ހަމަލާ އެވެ. މެޗު ނިމިގެންދިޔައީ 2-0 ލަނޑުން ޓޮޓެންހަމް ކުރީގައި އޮވެގެންނެވެ.

މިމެޗުގެ ނަތީޖާ އާއެކު ލިބުނު 25 ޕޮއިންޓާއެކު ޓޮޓެންހަމް ވަނީ ޕްރެމިއާ ލީގުގެ ތިންވަނަ އަށް ޖެހިލާފައެވެ. 34 ޕޮއިންޓާއެކު ލީގުގެ އެއްވަނާގައި މެންސިޓީ އޮތްއިރު، ދެވަނާގައި އޮތް މެންޔުނައިޓެޑް އަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.