22 Nov 2011, 16:12
އަންނަ މަހު ފަށާ ސާފް ޗެމްޕިއަންޝިޕަށުގައި ވާދަކުރާ އެއްވެސް ޓީމެއް ދެކެ ބިރު ނުގަންނަ ކަމަށް ނޭޕާލް ގައުމީ ޓީމުގެ ކޯޗް ގްރަހަމް ރޮބަޓްސް ބުނެފި އެވެ.
ނޭޕާލް ޓީމުގެ ހުރިހާ ކުޅުންތެރިންނެއް ވެސް ސަތޭކަ އިންސައްތަ ފިޓުކަމަށް ވެސް ރޮބަޓްސް ބުނެފައިވެ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ތައްޔާރީތައް އެންމެ ފުރަތަމަ ފެށި އެއް ޓީމެއްގެ ގޮތުގައި ފާހަގަ ވެފައި ވަނީ ނޭޕާލް އެވެ. މީގެ ދެމަސް ކުރިން ފީފާ ރޭންކިންގައި ބޮޑު ކާމިޔާބީ އެއް ހޯދާފައިވާ ނޭޕާލް އިން ވަނީ އާސިއާން ސަރަހައްދަށް ކުރި ފަރިތަކުރުމުގެ ދަތުރުގައި ވެސް ބޮޑު ކާމިޔާބީ ތަކެއް ހޯދާފައެވެ.
"މި ސަރަހައްދުގައި ނޭޕާލް ބިރު ގަންނާނެ ފަދަ ޓީމެއް ނެތް. ނޭޕާލް ހުރިހާ ކުޅުންތެރިންނެއް ވެސް ސަތޭކަ އިންސައްތަ ފިޓް. މި ފަހަރު ގެ މުބާރާތަށް އަހަރެމެން މިތިބީ ވަރަށް ރަނގަޅަށް ތައްޔާރު ވެގެން. އިންޑިޔާ ބަލިކުރަން އުނދަގޫ ވާނެ. އެކަމަކު އެއީ އެމީހުންގެ ސްކޮޑު ވަރުގަދަ ކަމަކުން ނޫން. އެއީ އެމީހުން ގެ އަމިއްލަ ގައުމުގައި މުބާރާތް ކުޅޭތީ،" ނޭޕާލް ކޯޗް ރޮބަޓްސް ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ސަރަހައްދުގެ ވޯލްޑްކަޕެއް ކާމިޔާބު ކުރުން ފަދަ ކަމެއް ކަމަށާއި މިމުބާރާތް ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ރޮބަޓްސް ބުނެފައި ވެއެވެ.
"ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަކީ ސަރަހައްދުގެ ވޯލްޑް ކަޕެއް ކާމިޔާބު ކުރުން ފަދަ ކަމެއް. މުބާރާތް ކާމިޔާބު ކުރުމުގެ ހުރިހާ ފުރުސަތެއް އަހަރެމެންނަށް އެބަ އޮތް. މި މުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ، ގައުމީ ބަޠަލުންނަށް ވާނެ ކަން އަހަރެމެންނަށް އެނގޭ. މުބާރާތް ކާމިޔާބުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،" ރޮބަޓްސް ބުންޏެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާއިރު، މުބާރާތުގައި ނޭޕާލް ހިމެނެނީ އެންމެ ފަހު ރަނަރަޕް ދިވެހިރާއްޖެ އާއި އެއް ފަޅިއެއްގަ އެވެ. ގްރޫޕް ބީ ގައި ހިމެނޭ އަނެއް ދެ ޓީމަކީ ބަންގްލަދޭޝް އާއި ޕާކިސްތާނެވެ. ގްރޫޕް އޭ ގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި، އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާން އެވެ.
އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.
މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.