22 Nov 2011, 16:14
ވަޒީފާ އިން ނުކެނޑި ސިވިލްސާވިސް މުވައްޒިފުންނަށް އާއްމު އިންތިހާބުތަކުގައި ވާދަ ކުރެވޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަޅުއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހުގެ ބިލު ހުށަހަޅުއްވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ މި ބިލު ހުށަހެޅުއްވީ ސިވިލް ސާވިސްގެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލު ކުރަމުންދާ އިރު ގާނޫނު އަސާސީން ލާޒިލު ކުރާ ބައެއް އިންތިހާބުތަކަށް ކުރިމަތިލުމަށް ސިވިލްސާވިސް މުވައްޒިފުންނަށް ދިމާވާ ހުރަސްތައް ނައްތާލުމަށް ކަމަށެވެ. އަދި ބިލުގައި ގާނޫނު އަސާސީއާ ތައާރަޒުވާ ބައެއް މާއްދާތައް ހިމެނޭތީ އެކަން އިސްލާހު ކުރުން ވެސް މި ބިލު ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ހަސަން ލަތީފު ހުށަހެޅުއްވި ބިލުގައި ގާނޫނު އަސާސީގައި ބަޔާން ކުރާ އިންތިހާބެއްގައި ވާދަ ކުރުމަށް ގަސްތު ކުރާ ސިވިލްސާވިސްގެ މުވައްޒިފުން އެ އިންތިހާބެއް ބާއްވާ ތާރީހުގެ ހަ މަސް ދުވަސްކުރިން ވަޒީފާ އިން ވަކިވާން ޖެހޭނެ ކަމަށް ބުނާ، ސިވިލްސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާ އުވާލުމަށް ވަނީ ހިމަނައިފަ އެވެ. އޭނާ ވިދާޅުވީ އެއީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) އާއި 30 ވަނަ މާއްދާއާ ހިލާފްވާތީ ކަމަށެވެ.
ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އިންތިހާބުތަކުގައި އެކި އެކި މަގާމުތަކަށް ކުރިމަތި ލުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ. އަދި 30 ވަނަ މާއްދާގައި ބުނަނީ ސިޔާސީ ޕާޓީތައް އުފައްދައި ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނަކުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތި ލައިފި ނަމަ ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވާނެ ކަމަށް ބުނާ، ސިވިލްސާވިސްގެ ގާނޫނުގެ 16 ވަނަ މާއްދާގެ ތިނަކާއި ހަތަރެއް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. ހަސަން ލަތީފް ވިދާޅުވީ އެ ބަޔަކީ ގާނޫނު އަސާސީގެ 187 ވަނަ މާއްދާއާ ތައާރަޒުވާ ބައެއް ކަމަށެވެ. ގާނޫނު އަސާސީގެ 187 (ހ) ގައި ބުނަނީ ސިވިލްސާވިސް ކޮމިޝަންގެ މެންބަރަކު މަގާމުން ވަކި ކުރެވޭނީ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް ނުވަތަ އެ މަގާމު އަދާ ކުރުމަށް އުޒުރު ވެރިވާ ފަދަ ހާލަތެއް މެދުވެރި ވެއްޖެ ކަމަށް ނުވަތަ މަގާމު އަދާ ކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ. އެހެންކަމުން އާއްމު އިންތިހާބު ތަކުގައި ވާދަ ކުރުމުގެ ފުރުސަތު މި ބިލުން ކޮމިޝަންގެ މެންބަރުންނަށް ވެސް ލިބިދެ އެވެ. އެ ބިލުގައި ސިވިލްސާވިސްގެ ގާނޫނުގެ ފަސް ވަނަ މާއްދާ އާއި 18 ވަނަ މާއްދާއަށް ވެސް ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ.
ހަސަން ލަތީފް ވިދާޅުވީ ގާނޫނުގައިވާ މާއްދާތައް އުނި ކުރުމުގެ ބަދަލުގައި، ލޯކަލް ކައުންސިލްގެ އިންތިހާބުގެ ގާނޫނުން ސިވިލް ސާވިސާވަންޓުންނަށް ފުރުސަތު ދީފައިވާގޮތަށް ސިވިލްސާވިސްގެ ގާނޫނަށް އިސްލާހު ވެސް ގެނެވިދާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 13 ވަނަ މާއްދާގައި ބުނަނީ ލޯކަލް ކައުންސިލްގެ މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބަކަށް ސިވިލްސާވިސްގައި ހިމެނޭ މީހަކު ކުރިމަތި ލައިފި ނަމަ އެމީހަކު ކުރިމަތިލި ތާރީހުން ފެށިގެން ވަޒީފާ އިން ސަސްޕެންޑް ވީކަމަށެވެ. އަދި އިންތިހާބުން އެމީހަކު ނަން އަބުރާ ގެނަސްފި ނަމަ، ނުވަތަ ކުރިމަތިލީ ގޮނޑިއަށް އެމީހަކު ނުހޮވިއްޖެ ނަމަ އެމީހަކު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަ ވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެ އެވެ.