19 Nov 2019, 09:56
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެކިއެކި ކުއްތަކުގައި ހައްޔަރުކުރާ ކުޑަކުދިން ބޮޑެތި މީހުންނާ ވަކިން ބަންދުކޮށްފައި ބޭއްތިބުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ގޮވާލައިފި އެވެ.
މިއަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ. މިއަދާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ބުނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނަށް އެންމެ ބޮޑަށް ފާހަގަކުރެވެނީ އާއިލާގެ ފަރާތުން ވާ އިހުމާލުގެ މައްސަލަތައް ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ލިބޭ ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި އާއިލާގެ ފަރާތްތަކުންނާއި ނުދަންނަ ފަރާތްތަކުން ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ވެސް ފާހަގަ ކުރެވޭ ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ކުރަންޖެހޭ ބައެއް ކަންކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުށުގައި ހައްޔަރު ކުރެވޭ ކުދިން ބޮޑެތި މީހުންނާ ވަކިން ބަންދުކޮށްފައި ބޭތިއްބޭނެ ނިޒާމު ހަމަޖެއްސުމާއި ކުށުގެ ވެށިން ކުދިން ދުރުހެލިކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށް ކަނޑައަޅާގައިވާ ނިޒާމު ހަރުދަނާ ކުރުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލާފަ އެވެ.
"އަނިޔާލިބޭ ކުދިންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފަސޭހައިން ލިބޭނެ ނިޒާމެއް ހަމަޖެއްސުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކުށްކުރާ ކުދިން ބޮޑެތި މީހުންނާއި ވަކިން ބޭތިއްބޭނެ ގޮތް ހަމަޖައްސައިދޭން އެޗްއާރުސީއެމުން އެދިފައިވާއިރު ނިިދިޔަ ހަފްތާގައި ރައްޔިތުުންގެ މަޖިލީހުން ފާސްކުރި "ކުޑަކުދިންގެ އަދުލުގެ ގާނޫނު"ގައި ދައުލަތުގެ މައްޗަށް ވަނީ އެކަން އެގޮތަށް ކުރުމަށް ލާޒިމް ކޮށްފަ އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނުގައި ވާގޮތުން ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކެއް އަދި ކުޑަކުދިންގެ ރެޒިޑެންޝިއަލް މަރުކަޒުތަކެއް ދައުލަތުން ގާއިމް ކުރަން ޖެހޭނެ އެވެ. އަދި މަދުވެގެން ކޮންމެ ވައްތަރަކުން އެއް މަރުކަޒު 18 މަސްދުވަހުގެ ތެރޭގައި ގާއިމް ކުރަން ގާނޫނުން ދައުލަތަށް ލާޒިމް ކުރެ އެވެ.
ޖުވެނައިލް ޑިޓެންޝަން ސެންޓަރު- ކަރެކްޝަނަލް މަރުކަޒުތަކުގެ ތެރޭގައި ހިމެނެނީ ދެވައްތަރެއްގެ މަރުކަޒެވެ. އޭގެތެރެއިން އެއްވައްތަރަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް ހާއްސަ ކުރެވޭ މަރުކަޒުތަކެވެ.
ލޯންގް ޓާމް ސެކިއޯ ފެސިލިޓީ- ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަންޖެހޭ ނަމަ ބަހައްޓަން ޖެހޭނީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީ މަރުކަޒެއްގަ އެވެ.
ކުޑަކުދިންނަށް ހާއްސަ މަރުކަޒުތަކުގައި ބަހައްޓަން ވާނީ އެ މަރުކަޒުގައި ކުއްޖާ ބެހެއްޓުން އެއީ ފަހުފިޔަވަޅަށް ވާނަމަ ކަމަށް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި ކުއްޖަކު ބެހެއްޓޭ މުއްދަތަކީ ހަމައެކަނި އެ ހާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަށް ވާން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ. އަދި އެ ގާނޫނުގެ ދަށުން އުފައްދާ މަރުކަޒުތައް ވާންވާނީ ބޮޑެތި މީހުން ބަންދުކުރާ ތަންތަނާއި ވަކިން ހަދާފައިވާ ކުއްޖާގެ އުމުރާއި ކޮށްފައިވާ ކުށާއި އެކަށޭނަ ތަނަކަށް ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން މަރުކަޒުތަކުގައި ކުދިންނާ މެދު އަމަލުކުރަން ޖެހޭ ގޮތާއި، ދޭން ޖެހޭނެ ފަރުވާ އާއި އެހެން ވެސް ގިނަ ތަފްސީލުތަކެއް ގާނޫނުގައި ހިމަނާފައިވެ އެވެ.