ޒުވާނެއްގެ ގަޔަށް ވަޅިއަކުން ހަމާލާ ދިންކަމުގެ ތުހުމަތުގައި، ދައުލަތުން ދައުވާ އުފުލި ނުރައްކާތެރި އަސީލު އިސްމާއީލް އާއި ގ. މެޑޯ އިސްމާއިލް ޒިހާނާއި މ. ސަންރައިޒް، އަހުމަދު ނާއިފުގެ މައްޗަށް ހެކިބަސް ލިބިފައި ނުވާތީ ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އަސީލުގެ މައްޗަށް ދައުވާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 51 ވަނަ މާއްދާގެ ދަށުން ޣައިރުގާނޫނީ އެއްވުމެއްގައި ނުރައްކާތެރި ހަތިޔާރާ އެކު ބާރުދެއްކުމުގެ ކުށެގެ ދައުވާ އެވެ. ނާއިފު އާއި ޒިހާނުގެ މައްޗަށް ދައުވާކޮށްފައި ވަނީ ވަޅިހެރުމުގައި ބައިވެރިވެފައިވާ ކަމުގެ ތުހުމަތުގައި، ގާނޫނުލް އުގޫބާތުގެ 46 ވަނަ މާއްދާގެ ތިން ވަނަ ނަންބަރާއި ހަވާލާދީ ހަމަ އެ ގާނޫނުގެ 48 ވަނަ މާއްދާގެ ދަށުން ޣައިރު ގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައިގެ ނިޔާ ކަނޑައެޅުމަށް މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުކުމް އިއްވަވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލަ އާ ގުޅިގެން ދެ މީހެއްގެ ހެކިބަސް ނަގާފައިވާ ކަމަށެވެ. ނަމަވެސް ހެކީންގެ ހެކިބަހުން އެމީހުން ވަޅިހެރިކަން ޝަރީއަތަށް ސާބިތު ނުވާކަމަށެވެ.

ގާޒީ ވިދާޅުވީ ވަޅިހަރައި އަނިޔާ ކުރިކަމަށް ބުނާ ހދ. ކުޅުދުއްފުށީ ފާގަ، ހުސެއިން ޒަހުރާން މުހައްމަދުގެ ހެކިބަސް ނަގަން ބެލި އިރު ލިބުނު އަނިޔާތަކަށް ސްރީލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާތީ ހެކިބަސް ނެގޭ ގޮތް ނުވި ކަމަށެވެ.

ގާޒީ ވިދާޅުވީ ހެކިބަސްދިން މީހުން ޝަރީއަތަށް ދިން ހެކިބަހާއި ތަހުގީގަށް ދީފައިވާ ބަޔާންތަކާއި ތަފާތުކަމަށެވެ.
ގާޒީ ވިދާޅުވީ އަސީލުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ ނާއިފަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަމަށެވެ. ނަމަވެސް ޒުހާނުގެ ކުށުގެ ރެކޯޑެއް ނެތްކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން އަސީލު އާއި ނާއިފް އަދި ޒިހާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނަނީ މެއި 2010،27 ދުވަހުގެރޭ 9:00 އެހާކަންހާ އިރު ހދ. ކުޅުދުއްފުށީ ފާގަ ހުސެއިން ޒަހުރާން މުހައްމަދު ކޯރުކެނޑިމަގުގައި ސައިކަލެއްގެ މަތީގައި އިންދާ އެތަނަށް ދިޔަ އަސީލާއި ނާއިފް އަދި ޒިހާންގެ ތެރެއިން އަސީލު ޒަހުރާންގެ ބުރަކަށްޓައް ވަޅިއަކުން ހަމަލާދީފައި ވާތީ އާއި އެ ހަމަލާގައި ޒަހުރާންގެ ބުރަކަށްޓަށް ގާތްގަނޑަކަށް ތިން އިންޗި ދިގު އެއް އިންޗި ފުންމިނުގެ ޒަޚަމެއް ލިބިފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން ދޫކޮށްފައިވާ މެޑިކޯ ލީގޯ ރިޕޯޓުން ދައްކާ ކަމަށެވެ.