19 Jun 2010, 13:54
19:00
ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ޖަޕާނާ ވާދަކޮށް 1-0ން ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުގެ ފުރުސަތު ހޮލެންޑުން ބޮޑުކޮށްފި އެވެ.
މުޅި މެޗްގައި ވެސް ގިނައިރު ބޯޅަ ކޮންޓްރޯލްކޮށް މޮޅަށް ކުޅުނު ހޮލެންޑޮގެ ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓުގަ ކާމިޔާބްކޮށްދިނީ އިންޓަމިލާނަށް ކުޅެމުން އަންނަ ހޮލެންޑުގެ ހުނަރުވެރި ތަރި ސްނެއިޑާރ އެވެ. މި ލަނދާއެކު އޭނާ ވެގެންގޮސްފައި ވަނީ ވޯލްކަޕެއްގައި 10 ގޯލް ކާމިޔާބުކުރި އެ ގައުމުގެ ހަތަރު ވަނަ ކުޅުންތެރިޔާ އަށް. މިއީ އެ ގައުމަށް އޭނާ ކާމިޔާބުކޮށްދިން 15 ވަނަ ގޯލެވެ.
މި މެޗުގައި ޖަޕާނަށް މޮޅު ކުޅުމެއް ނުދެއްކުން ނަމަވެސް ޖަޕާނުން ވެސް ވަނީ ގިނަ ހަމަލާތަކެއް ހޮލެންޑުގެ ގޯލަށް ފޮނުވާލާފަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ހޮލެންޑަށް ލަނޑު ކާމިޔާބުކުރި ސްނެއިޑާރ އެވެ. މި މޮޅާއެކު ހޮލެންޑަށް ގޮރޫޕުގެ އެއް ވަނަ ލިބެނީ ހަ ޕޮއިންޓާ އެކު އެވެ. ޖަޕާނަށް ލިބެނީ ތިން ވަނަ އެވެ.
މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ޓީމު ގާނާ މިރޭ ނިކުންނާނީ އޭޝިޔާގެ އެންމެ ވަރު ގަދަ ޓީމާ ދެކޮޅަށެވެ. އޮސްޓްރޭލިޔާ އާއި ވާދަކުރާ މި މެޗުން މިރޭ ގާނާ މޮޅުވެއްޖެ ނަމަ އެ ޓީމު ދެވަނަ ބުރަށް ދާނެ އެވެ. އޮސްޓްރޭލިޔާ ބަލިވެއްޖެ ނަމަ އޮސްޓްރޭލިޔާ ޖެހޭނީ މުބާރާތުން އަލްވަދާއު ކިޔާށެވެ.
މި މެޗަށް ނިކުންނައިރު އޮސްޓްރޭލިޔާ އަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމުގައިވާ އިގިރޭސިވިލާތުގެ އެވަޓަންއަށް ކުޅެމުން އަންނަ ޓިމް ކާހިލް އަށް އެންމެ ފަހުން ކުޅުނު ޖާމަނީ މެޗުގައި ރަތް ކާޑު ދެއްކުމުން އެއް މެޗަށް ސަސްޕެންޑް ވެފައިވުމެވެ. ޓީމުގެ ކެޕްޓަނާ ނުލާ މުބާރާތަށް ގާނާ ކުރިމަތިލިއިރު މި މެޗުގައި އެޓީމަށް ލިބިގެން ދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މުޅި އެފްރިކާ ގާނާއާ އެކުގައި ވާކަމެވެ.
ވޯލްޑްކަޕްގެ މިހާ ހިސާބަށް އައިއިރު އެފްރިކާ ބައްރުން ތަމްސީލްކުރާ ޓީމުތަކުގެ ތެރެއިން މެޗަކުން ހަމައެކަނި މޮޅުވެފައިވާ ޓީމަކީ ގާނާ އެވެ.
މިރޭ ދެން ފާހަގަކޮށްލެވޭ އަނެއް މެޗަކީ އެފްރިކާގެ ގަދަ ބާރެއް ކަމުގައިވާ ކެމަރޫން އާއި ޑެންމާކް ކުޅޭ މެޗެވެ. އިންޓަމިލާނަށް ކުޅެމުން އަންނަ ސެމިއަލް އެޓޫގެ ކެޕްޓަން ކަމުގެ ދަށުން ނިކުންނައިރު މުބާރާތުގެ ކުރިން ބެލެވިފައި ވަނީ ކެމަރޫނަކީ އެފްރީކާ ބައްރު ތަމްސީލުކުރާ ޓީމުތަކުގެ ތެރެއިން މޮޅު ކުޅުމެއް ދައްކާނެ ކަމަށް ބެލެވުނު އެއް ޓީމެވެ. ނަމަވެސް ޖަޕާން މެޗުން އެކެއް ސުމަކުން ބަލިވުން ވެގެން ދިޔައީ މިކަމަށް އެޅިގެންދިޔަ ހުރަހެއް ކަމަށެވެ. ޑެންމާކުން މި މެޗުގައި ކެމަރޫންގެ ޑިފެންސްލައިނަށް ބާރު ބޮޑުކުރާނެ ކަމަށް ބެލެވޭއިރު ޓީމުގެ ހަމަލާތައް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާނީ އިނގިރޭސިވިލާތުގެ އާސެނަލްއަށް ކުޅެމުން އަންނަ ޒުވާން ފޯވަޑް ނިކޮލްސް ބެންޓްނަރ އަދި ތޯމަސް ރޮމަޑާލް އެވެ.