ހއ. އަތޮޅު ކައުންސިލް ރައީސް ޔޫސުފް ސިރާޖުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައި މިއަދު އޭނާ އެ މަގާމުން ދުރުކޮށްފި އެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައިސް މުހައްމަދު ރަޝީދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާ އަށް ރައީސްއާ އެކު އަށް މެންބަރުން ހާޒިރުވި އެވެ. ރައީސް އަމިއްލަ މަސްލަހަތު ހިމެނޭ ކަމަށް ވިދާޅުވެ ވޯޓުގައި ބައިވެރިވަޑައިނުގަތް ނަމަވެސް ވޯޓުގައި ބައިވެރިވެވަޑައިގަތް ހަ މެމްބަރުންގެ އިއްތިފާގުން ރައީސްގެ އިތުބާރު ނެތް ކަމަށް ވަނީ މިއަދު ފާސްކޮށްފަ އެވެ.

އަތޮޅު ކައުންސިލްގެ ނައިބް ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމުގައި ޔޫސުފް ސިރާޖް ހުންނެވި އިރު، އިއްޔެ އަތޮޅުގޭގެ ތެރޭގައި ހިނގައި ދިޔަ މައްސަލާގައި އޭނާ އަށް އެއްވެސްކަމެއް ނިންމިފައި ނުވާ ކަމަށެވެ. އަދި ކައުންސިލް ހިންގުމުގައި ވެސް ރައީސްގެ އިހުމާލް އޮތްކަމަށް ކައުންސިލް މެމްބަރުން ފާހަގަ ކުރައްވަފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު ނެގުނު އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލާގައި ޔޫސުފް ވިދާޅުވީ މިވަގުތު އެއްވެސް ކޮމެންޓެއް ދެއްވަން ބޭނުންނުވާ ކަމަށާއި ތަންކޮޅެއް ފަހުން އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓްނެގުމާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން އަތޮޅުގޭގައި ދިރިއުޅުއްވަމުން ގެންދެވި އަތޮޅު ކައުންސިލްގެ މެންބަރުންގެ ބައެއް ސާމާނުތައް ބަޔަކު އަތޮޅުގެ އިން ނެރެ މަގުމައްޗަށް އުކާލާފައިވާ ކަމަށް ދިއްދޫން ސަން އަށް މައުލޫމާތު ދިން ފަރާތަކުން ވަނީ ބުނެފަ އެވެ.

ހއ. އަތޮޅުގޭގައި އަތޮޅު ކައުންސިލަރުން ދިރިއުޅުއްވަމުން ގެންދަވަނިކޮށް، ދިއްދޫ ކައުންސިލުގެ މެންބަރުން އަތޮޅުގެ އަށް ވަދެގަނެ، ރަށު ކައުންސިލުގެ ޑިޕާޓްމަންޓްތަކެއް އަތޮޅުގޭގައި ގާއިމު ކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފަ އެވެ.