18 Nov 2019, 15:28
ހިލޭ އަންލިމިޓެޑް އިންޓަނެޓް އާއި ލެޕްޓޮޕް އަދި ފައުންޑޭޝަން ފޮ ޑިގްރީ އަދި ގިނަ އާ ކޯސްތަކަކާއެކު މަންދު ކޮލެޖުގެ އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މިއަދު މަންދު ކޮލެޖުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮލެޖުގެ ޗެއާމަން އިބްރާހީމް އިސްމާއިލް (އިބްރާ) ވިދާޅުވީ މިއަދުން ފެށިގެން ޖެނުއަރީ އިންޓޭކްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިއަހަރުގެ ޖެނުއަރީ އިންޓޭކް ހާއްސަވާ ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށް ފާހަގަކުރައްވާ އިބްރާ ވިދާޅުވީ އަންނަ ޖެނުއަރީއަށް 52 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ. އޭގެތެރެއިން 17 ކޯހަކީ މުޅީން އަލަށް އެ ކޮލެޖަށް ތައާރަފުކުރާ ކޯސްތައް ކަމަށް އިބްރާ ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ވައިސް ޗެއާ އައިޝަތު ޝަބާނާ ވިދާޅުވީ އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ހޮސްޕިޓޭލިޓީ އެންޑް ޓުއަރިޒަމް އާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން އާއި އެޑިއުކޭޝަނަލް ކައުންސެލިން ފަދަ ކޯސްތައް ހިމެނެއެވެ.
އިބްރާ ވިދާޅުވި އަލަށް ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަކީ ރާއްޖޭގައި މިހާރު އެންމެ ބޭނުންވާނެ ދާއިރާތައް ކަމަށް ބަލައި ތައާރަފުކުރާ ކޯސްތައް ކަމަށެވެ.
ޖެނުއަރީ އިންޓޭކް އަށް އަލަށް ރެޖިސްޓާ ވާ ދަރިވަރުންނަށް ހިލޭ ލެޕްޓޮޕާއި ހިލޭ އަންލިމިޓެޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އިބްރާ ވިދާޅުވިއެވެ.
މަންދު ކޮލެޖުގެ ވާޗުއަލް ކްލާސްތަކަށް ރެޖިސްޓްރީ ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އެ ހިދުމަތް ތައާރަފުކުރި ނަމަވެސް އެ ހިދުމަތް އެހެން ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް ލިބިގެންދާނެއެވެ.
"އަސްލު އެބަ ތިބޭ ދަރިވަރުންނަށް ކިޔަވަން ނުފެށިފައި ލެޕްޓޮޕެއް ނެތިގެން. ވަކި ފަރާތުން ވަނީ ލެޕްޓޮޕް ލިބޭނެ ހިދުމަތް ހަމަޖެހިފައި. މިއީ ފެންވަރު ރަނގަޅު ލެޕްޓޮޕްތަކެއް،" އޭނާ ވިދާޅުވިއެވެ.
އުރީދޫ އާ ގުޅިގެން ވަކި ނެޓްވޯކެއް މެދުވެރިކޮށް ދަރިވަރުންނަށް ވާޗުއަލް ކްލާސްގެ ހިދުމަތް ފޯރުކޮށްދޭއިރު އިންޓަނެޓް ދެނީ ކްލާސްތަކަށް ބޭނުންވާ އެހެން މަސައްކަތް ކުރުމަށެވެ. އެގޮތުން ރީސާޗުތައް ކުރުމާއި އޮންލައިން ލައިބްރަރީތަކަށް ހާއްސަކޮށްގެން އަންލިމިޓެޑް އިންޓަނެޓް ބޭނުންކުރެވޭނެއެވެ.
އަތޮޅުތަކުގެ އިތުރުން މާލޭގައި އުޅޭ ފަރާތްތަކަށްވެސް ވާޗުއަލް ކްލާސްތަކަށް ރެޖިސްޓާ ވުމުގެ ފުރުސަތު އޮންނާނެއެވެ.
މަންދު ކޮލެޖް އިން ވަނީ ފައުންޑޭޝަން ފޮ ޑިގްރީއަށް ކިޔަވާ ފަރާތްތަކުގެ ކޯސް ހިލޭ ކުރިއަށް ގެންދެވޭނެ ހިދުމަތެއް ތައާރަފުކޮށްފައެވެ. އިބްރާ ވިދާޅުވީ އޭގެ ފަހަތުގައި ވަރަށް ބޮޑު ސަބަބެއް ވާ ކަމަށެވެ.
އެއީ އޯލެވެލް އިމްތިހާނު ނިމުމުން އޭލެވެލް ނުހަދާ ތިބޭ ކުދީންނަށް ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަރާތްތަކަކީ ޕޮލިސީތަކުގެ ސަބަބުން ބާކީވާ ކުދިންތައް ކަމަށް އޭނާ އިޝާރާތްކުރައްވާފައިވެއެވެ.
ހިލޭ ލެޕްޓޮޕާއި ހިލޭ ފައުންޑޭޝަންގެ ހިދުމަތް ލިބޭނީ އަންނަ މަހުގެ 15 ގެ ކުރީން ރެޖިސްޓާ ވާ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެނުއަރީ އިންޓޭކް އަށް ބައިވެރިވުމުގެ ސުންގަޑިއެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެހެންނަމަވެސް ޖެނުއަރީ މަހުގެ މެދުތެރޭގައި އިންޓޭކްގެ ސުންގަޑި ހަމަވާނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ.
ޔުނިވާސިޓީ ކޯސްތަކުގެ އިތުރުން ދަރިވަރުންގެ ކުރިއެރުވުމާއި ދުޅަހެޔޮކަމަށް ތަފާތު ސަޕޯޓް ސިސްޓަމްވެސް މަންދުން އެކުލަވާލާފައިވާ އިބްރާ ވިދާޅުވިއެވެ. އެ ހިދުމަތްތައްކަކީ ދަރިވަރުންނަށް ހިލޭ ފޯރުކޮށްދޭނެ ހިދުމަތްތައް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.