ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އެ ކައުންސިލްގެ އެހެން މެމްބަރުންނަށް އިތުބާރު ނުކުރައްވާ ކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމަށް މިއަދު ފާސްކޮށްފި އެވެ.

ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް ރިފާއު ރަޝީދު މިއަދު ވިދާޅުވީ ކައުންސިލްގެ ރައީސް އަބުދުﷲ އިބުރާހިމް ދީދީގެ އިތުބާރު ނެތްކަމަށް މިއަދު ފާސްކުރީ އެކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވެޑައިގެންނެވި ހަތަރު ކައުންސިލަރުންގެ ތެރެއިން ތިން ކައުންސިލަރުން ވޯޓް ދެއްވައިގެން ކަމަށެވެ. އަދި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވެސް ޚުދު ރައީސް އަބުދުﷲ އިބުރާހިމްދީދީ ކަމަށާއި އޭނާ މިހާރު ވަނީ މިއަދު ފާސްކުރި ފާސްކުރުން ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރީ ރައީސް އެހެން ކައުންސިލަރުންނަށް އިތުބާރު ނުކުރައްވާތީ އާއި ކަންކަމުގައި އެ ބޭފުޅުންނާ މަޝްވަރާ ނުކުރައްވާތީ ކަމަށެވެ.

"ރައީސް އަޅުގަނޑުމެން ހަތަރު ކައުންސިލަރުންނަކަށް އިތުބާރެއް ނުކުރައްވާ. ކަންތައްތަކުގައި މަޝްވަރާއެއް ނުކުރައްވާ. ކަންތައްތައް ހިއްސާއެއް ނުކުރައްވާ. އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން ޖެހުނީ އެހެންވެ. އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ އިތުބާރު ނެތްކަމަށް ފާސްކުރަން އެކަށީގެންވާ ސަބަބުތަކެއް ކަމަށް،" ރިފާއު ވިދާޅުވި އެވެ.

ކަނޑުހުޅުދޫން މިއަދު ވާހަކަ ދެއްކި މީހަކު ބުނީ ޑީއާރުޕީ އަށް ނިސްބަތްވާ އެ ރަށު ކައުންސިލްގެ ރައީސާއި އަނެއް ހަތަރު މެމްބަރުންނާ ހިޔާލުތަފާތުވެގެން އުޅެނީ ޕީޕީއެމް ބޭނުންވާ ގޮތަށް މަސައްކަތް ކުރުމަށް ހަތަރު މެމްބަރުން ބޭނުންވާ އިރު ރައީސް އެކަމާ ދެކޮޅު ހައްދަވާތީ ކަމަށެވެ. އަދި ރައީސްގެ އިތުބާރު ނެތް ކަމަށް މިއަދު ފާސްކުރީ ޕީޕީއެމްއާ އެކު މަސައްކަތްކުރެވޭނެ ކައުންސިލަކަށް ކަނޑުހުޅުދޫ ކައުންސިލް ހެދުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރި އެވެ.

ނަމަވެސް ކަނޑުހުޅުދޫ ކައުންސިލްގެ ނައިބު ރައީސް ރިފާއު ރަޝީދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ސިޔާސަތު ތަފާތުވުމުގެ މައްސަލައެއް އެކައުންސިލްގައި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޑީއާރުޕީގެ ޓިކެޓްގައި ކައުންސިލަށް ހޮވިފައި ތިބިމީހުން. އަޅުގަނޑުމެން މަސައްކަތް ކުރަނީ ވެސް ޑީއާރުޕީއާ އެކީ. އެފަދަ ވާހަކަތައް ދައްކާ މީހުންގެ ބޭނުމަކީ ކައުންސިލްގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެއްދުން." ރިފާއު ވިދާޅުވި އެވެ.

ފޯނަށް ޖަވާބު ނުދެއް ވާތީ މިކަމާ ބެހޭ ގޮތުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަބުދުﷲ އިބުރާހިމްދީދީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ނައިބު ރައީސް ރިފާއު ވިދާޅުވީ ރައީސަކަށް އެހެން ބޭފުޅަކު ވީހާ އަވަހަކަށް އިންތިހާބުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.