18 Nov 2019, 12:08
މާލޭގައި ހުރި ކެމިކަލް ގުދަންތަކުގެ ތެރެއިން 31 ގުދަން ތިލަފުއްޓަށް ބަދަލު ކުރުމަށް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށާފައިވާ ކަމަށް މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން ބުނެފި އެވެ.
ޖީއެމްއައިޒެޑްއެލްގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) 'ސަން' އަށް ވިދާޅުވީ މާލޭގައި މިހާރު ހިންގާ ކެމިކަލް ގުދަންތަކުގެ ތެރެއިން ވީ އެންމެ އަވަހަކަށް ތިލަފުއްޓަށް ބަދަލުކުރަން އެމްއެންޑީއެފްއިން ދިނީ 31 ގުދަނުގެ ލިސްޓެއް ކަމަށެވެ.
"އަޅުގަނޑުމެން ތިލަފުށީގައި ކެމިކަލް ރައްކާކުރަން މި ހެދީ ޖުމްލަ 34 ގުދަން. އެމްއެންޑީއެފްއިން އެސެސްމަންޓްތައް ހެދުމަށްފަހު 31 ގުދަން މިހާރުން މިހާރަށް ތިލަފުއްޓަށް ބަދަލުކުރަން ޖެހޭ ކަމަށް ކަނޑައެޅީ. އެ ފަރާތްތަކާއެކު މިހާރު އެމްއޯޔޫގައި ސޮއިކުރުމުގެ މަސައްކަތް އަޅުގަނޑުމެން ދަނީ ކުރަމުން." އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ތިލަފުށިން ގުދަން ދޭއިރު، އެއް ގުދަނުގެ ޖާގައަށް ވުރެ ބޮޑު ޖާގައަކަށް އެމްއެންޑީއެފްއިން ދިން ލިސްޓުގައި ހިމެނޭ 31 ގުދަން ހިންގާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކުން އެދިފައިވާ ކަމަށެވެ.
އިތުރުވާ ތިން ގުދަން ބޭނުން ކުރާނީ އިތުރު ޖާގައަކަށް އެދޭ ފަރާތްތަކަށް ދިނުމަށް ކަމަށް އިބޫ ވިދާޅުވި އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ތިލަފުށީގައި އަލަށް ހެދި ގުދަންތަކުގެ އެސެސްމަންޓް ވެސް އެމްއެންޑީއެފްއިން ނިންމާފައިވާއިރު، އިބޫ ވިދާޅުވީ އެ ގުދަންތައް ދޭ ފަރާތްތަކުން އެއްބަސްވުމުގައި ސޮއިކުރުމާއެކު އެތަނަށް މުދާ ބަދަލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް ތިލަފުށިން ގުދަން ދޫކުރަން ނިންމީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ކެމިކަލް ރައްކާކުރާ ގުދަނެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުންނެވެ.
އެ ހާދިސާގައި ހަ ގެއަކަށް ގެއްލުންވެ އެކަކު މަރުވެފައިވާއިރު 400 އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.
ތިލަފުށީގައި ގުދަން އިމާރާތްކުރުމުގެ މަސައްކަތް 60 ދުވަހުގެ ތެރެގައި ނިންމުމަށް ސަރުކާރުން ޖީއެމްއައިޒެޑްއެލްއާ ހަވާލުކުރިއިރު، އެ ކުންފުނިން 9.5 މިލިއަން ރުފިޔާގެ އަގަކަށް އެ މަސައްކަތް ހަވާލުކުރީ އެސްޖޭ ކޮންސްޓްރަކްޝަންއާ އެވެ.
އެސްޖޭ ކުންފުނިން އެ މަސައްކަތް ނިންމާލާފައިވަނީ 54 ދުވަހުގެ ތެރޭގަ އެވެ.