އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ރެޒިޑެންޝަން ހޯމްއެއް ހެދުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

އުމުރުން ދުވަސްވީ މީހުންނާ ގުޅޭ އެކްޝަން ޕްލޭން އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ މިވަގުތު ރާއްޖޭގައި ދުވަސްވީ މީހުންނަށް ހާއްސަ އެއްވެސް ފެސިލީޓެއް ނުހުންނަ ކަމަށެވެ.

"އުމުރުން ދުވަސްވީ ފަރާތްތަކަށް އަޅާލުމަށް ބަހައްޓާފައި މިހުންނަނީ ކ. ގުރައިދޫގައި ހުންނަ ސެންޓަރ ފޮ ޕީޕަލް ވިތު މެންޓަލް ޑިސެބިލިޓީގައި. މިއީ ދުވަސްވީ މީހުންނަށް އަޅާލުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް އަޅާ ރެޒިޑެންޝަން ހޯމް ނުވަތަ ފެސިލިޓީގެ އިދާރީ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައިވެ އެވެ.

ޝިދާތާ ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފެސިލިޓީގެ މަސައްކަތް ކުރާނީ މާލޭ ސަރަހައްދުގައި ކަމަށާއި އެތަން ހެދުމަށް ބޭނުންވާ ބިން މިހާރު ލިބިފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ ދުވަސްވީ މީހުންނަށް ހާއްސަ ތަފާތު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން 65 އަހަރުން މަތީ ފަރާތްތަކުންގެ ގެއަށް ގޮސް އެފަރާތްތަކަށް ފަރުވާ ދިނުމުގެ ހިދުމަތް މިހާރުވެސް ކުރިއަށްދާ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އަދި މިހާތަނަށް އެ ހިދުމަތަށް އެދި މާލެއާއި ހުޅުމާލެއިން ވަނީ 274 ފަރާތެއް ހުށަހަޅާފަ އެވެ. އެގޮތުން މިއަހަރު އެކަނިވެސް 30 ފަރާތެއް ވަނީ އެ ހިދުމަތަށް އެދިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.