22 Nov 2011, 15:10
ޤައުމީ ވޮލީ ލީގުގައި އިއްޔެ ކުޅުނު ދެ މެޗް ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.
ފުރަތަމަ ޑިވިޒަންގެ އަށްޓީމް ވާދަކުރާ މިމުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ސިފައިން ކާމިޔާބު ކުރީ ސްޕޯޓްސް ކުލަބް ސިޓީއާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ނެވެ. މެޗްގެ ސެޓްތައް ސިފައިންގެ ކުލަބުން ކާމިޔާބުކުރީ 25-16، 25-12 އަދި 25-20 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ސިފައިންގެ ކުލަބްގެ އަދްނާން އަބްދުލް ހަމީދެވެ. އިއްޔެ ކުޅުނު ދެ ވަނަ މެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ކަސްޓަމްސްއާ ބައްދަލުކޮށް ތިން ސެޓް އެއް ސެޓުންނެވެ.
މެޗްގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާ ގޮތަށްބަލާއިރު، ފުރަތަމަ ދެ ސެޓް ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. އެއީ 27-25، 25-21 އިންނެވެ. އަދި މެޗްގެ ތިން ވަނަ ސެޓް 23-25 އިން ކާމިޔާބު ކުރީ ކަސްޓަމްސްއެވެ. އަދި ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-19 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމަށް ހޮވުނީ ޕޮލިސް ކުލަބްގެ އަސްފާގް އާދަމެވެ.
މި މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު ލީގުގެ އެންމެ ކުރީގައި އޮތީ ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބެވެ. މުބާރާތުތުގައި ޖުމްލަ ތިން މެޗް ކޮޅެ މި ދެޓީމަށް ލީގުގެ ކުރި ލިބެނީ ނުވަ ޕޮއިންޓާއެކު އެވެ. މުބާރާތުގެ ހުސްވި އަހަރުގެ ޗެމްޕިއަން ޓީމަކީ ސިފައިންގެ ކުލަބެވެ.
ލީގުގެ ދެ ވަނާގައި ހަ ޕޮއިންޓާއެކު މިވަގުތު އޮތް ޓީމަކީ ކްލަބު ޕީކޭ އެވެ. އަދި ތިން ވަނައިގައި އެސްޓީއޯ ހަތަރު ޕޮއިންޓުގައި އޮތްއިރު، ކަސްޓަމްސް އޮތީ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައެވެ. ނާވައިދޫ ޒުވާނުންގެ ޖަމިއްޔާ އާއި ސްޕޯޓްސް ކްލަބް ގުޑީސް އަދި ސްޕޯޓްސް ކްލަބު ސިޓީ އަށް ލިބިފައި ވަނީ ދެ ޕޮއިންޓާއެކު ލީގުގެ ފަސް ވަނަ އެވެ.
ލީގުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 5:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ކުލަބް ޕީކޭއާއި ނާވައިދޫ ޓީމެވެ. އަދި މިރޭ 8:30 ގައި ބައްދަލު ކުރާ ދެޓީމަކީ އެސްޓީއޯ އާއި ގްޑީސްއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށެވެ. އަދިމުބާރާތުން އެންމެ ރަނގަޅު ހަތަރު ޓީމެއް 43 ވަނަ ޤައުމީ މުބާރާތަށް ކޮލިފައިވާނެވެ. އަދި ޤައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.