އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ މަސައްކަތަކީ ޖުޑީޝަރީއަށް ގެންނަން ނިންމާފައިވާ ބަދަލުތައް އަވަސް ކުރުން ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވީ، އެންމެ މުހިންމު އެއް މަސައްކަތަކީ ޝަރުއީ ދާއިރާ އިސްލާހުކޮށް، އެ ދާއިރާގެ އިތުބާރު ނަގަހައްޓަން ކުރަންޖެހޭ މަސައްކަތް ކުރުން ކަމަށެވެ.

“އެންމެ މުހިއްމު އެއް މަސައްކަތަކީ ޖުޑީޝަރީއަށް މި ގެންނަންޖެހޭ ބަދަލު ވީ އެންމެ އަވަހަކަށް ގެނެސް، ރައްޔިތުންނަށް އިންސާފު ގާއިމު ކުރެވޭނެ ވަސީލަތްތައް ފޯރުކޮށްދިނުން” އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވީ ފަނޑިޔާރުންވެސް އެ މީހުންގެ މަސައްކަތާމެދު ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި އެގޮތުން ދައުލަތުގެ އިސް މުއައްސަސާއެއްގެ އިސް މަގާމެއްގައި ހުރި ބޭފުޅަކު ކަމުގައި ވިޔަސް ޖަވާބުދާރީވާން ޖެހޭނެ ކަމާށެވެ.

ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން، ރައްޔިތުންނަށް ވައުދުވި އެއް ކަމަކީ އިންސާފުވެރި އަދުލުވެރި ފަނޑިޔާރުގެއެއް ރައްޔިތުންނަށް ހޯދައިދިނުންކަން ފާހަގަކުރައްވައި ރިއްފަތު ވިދާޅުވީ ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އިންސާފުވެރި ފަނޑިޔާރުގެއެއް ހޯދުމަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ.

ބަންޑާރަނައިބު ރިއްފަތު އެގޮތަށް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކޮށް، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ގޮތަށް ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައި ވަނިކޮށެވެ. ޖޭއެސްސީން ގެންދަނީ އެކި އެކި ފަނޑިޔާރުންނާ ގުޅޭ 200 އަށް ވުރެ ގިނަ މައްސަލަ ބަލަމުންނެވެ.

ރިއްފަތު އިތުރަށް ވިދާޅުވީ ސަރުކާރެއް ވެރިކަމަށް އަންނަނީ މެނިފެސްޓޯއަކާއެކު ވައުދުތަކެއް ވެގެން ކަމަށެވެ. އަދި އެންމެ މުހިންމު މަސައްކަތަކީ ޝަރުއީދާއިރާ އިސްލާހްކޮށް ރައްޔިތުންގެ އިތުބާރު ނެގެހެއްޓުން ކަމަށެވެ.

"އިނގިވަޑަިގެންނަވާނެ އެއްވެސް މީހެއްގެ ހައްގު ނިގުޅައިގަތުމަކީ އެތައް ހާސް ބައެއްގެ ހައްގު ނިގުޅައިގަތުމަށް މަގުފަހިކުރުން. ފާއިތުވެދިޔަ ތަނުގައި އަޅުގަނޑުމެންނަށް ފެންނަން އޮތް ހަގީގަތަކީ ގާނޫނުއަސާސީގައި ކިތަންމެ ފުރިހަމަކޮށް ވާހަކައެއް ލިޔުނުކަމުގައި ވިޔަސް އޭގައި ބުނާ ގޮތަށް އަމަލުނުކުރާހާ ހިނދަކު އަދި އޭގައި ބުނާގޮތަށް އަމަލުނުކުރާހާ ހިނދަކު، އަދި ތަންފީޒީ އިދާރާތަކުން އެ ބުނާގޮތަށް ތަންފީޒުނުކުރަހާ ހިނދަކު އެ ހައްގެއް ފުރިހަމަވާ އިހުސާސެއް ރައްޔިތުންނަށް ކުރެވޭނެ ދުވަހެއް ނުލިބޭނެ،" ރިއްފަތު ވިދާޅުވިއެވެ.