22 Nov 2011, 15:04
މިހާރު ކުރިއަށްދާ އަލް މުދިޝް ހަތަރު ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުން ހަތަރު އަތޮޅު ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.
އަތޮޅު ލީގުގެ ޓީމް އިވެންޓުން ސެމީގެ ޖާގަ ހޯދި ހަތަރު އަތޮޅަކީ ޏ. އަތޮޅު ބީޑީސީ ޓީމާއި، އއ. އުކުޅަހު ގްލޯރިއަސް ސްޕޯޓްސް ކުލަބާއި، ބ. އަތޮޅު ބީސީޑީ ޓީމް އަދި ނ. އަތޮޅު ބީޑީސީގެ ޓީމެވެ.
ޏ. އަތޮޅު ސެމީއަށް ދަތުރު ކުރީ 52 ޕޮއިންޓާއެކު ގްރޫޕް އޭ ފަޅިން އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މި ގްރޫޕްގެ ދެ ވަނަ ޓީމެއްގެ ގޮތުގައި ސެމީ އަށް ދަތުރު ކުރީ 45 ޕޮއިންޓް ހޯދި އއ. އުކުޅަހު ގްލޯރިއަސް ސްޕޯޓްސްގެ ޓީމެވެ.
މުބާރާތުގެ ގްރޫޕް ބީ ފަޅިން އެއް ވަނަ ޓީމެއްގެ ގޮތުގައި ބ. އަތޮޅު ޑީބީސީ ސެމީއަށް ދަތުރު ކުރީ 52 ޕޮއިންޓާއެކު އެވެ. އަދި މިގްރޫޕްގެ ދެ ވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދިޔައީ 43 ޕޮއިންޓް ހޯދި ނ. އަތޮޅު ޑީބީސީގެ ޓީމެވެ.
ކުޅިވަރު އެކުވެނީ ބެޑްމިންޓަން ކޯޓުގައި ކުރިއަށް ދާ މިމުބާރާތުގެ ސެމީ ފައިނަލްގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މިއަދު 18:00 ގައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ޏ. އަތޮޅާއި ނ.އަތޮޅެވެ. އަދި މިއަދުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ބ. އަތޮޅާއި އއ. އުކުޅަހުގެ ޓީމެވެ.
ރާއްޖޭގެ ފަސް އަތޮޅަކުން އަށް ޓީމް ބައިވެރިވި މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައެވެ. މިމެޗް އެމްއެންބީސީ ވަން އިން ލައިވްކުރާނެއެވެ.