22 Nov 2011, 14:44
ޓޫރިޒަމް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށް، މަސައްކަތް ނުފެށި ހުރި ތަންތަނަށް ދެ އަހަރު ދުވަހުގެ އިމާރާތްކުރުމުގެ މުއްދަތެއް ސަރުކާރުން ދޭން ޖެހޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަހްމަދު މުޖުތާޒު ހުށަހެޅުއްވި މި ބިލަށް ވޯޓަށް އެއްސުވުން އެ ބިލު ބަލައިގަންނަން ފެންނަ ކަމަށް ވޯތު ދެއްވީ ޖަލްސާގައި ތިއްބެވި 66 މެންބަރުންގެ ތެރެއިން 17 މެންބަރުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވި އެވެ. މިއަދުގެ ކޯރަމް މަޖިލީހުގައި އޮތްގޮތުން ބިލު ބަލައިގަންނަން ބޭނުންވަނީ 28 ވޯޓެވެ.
ޓޫރިޒަމް ތަރައްގީ ކުރުމަށް ރަށްރަށަށާއި ބިންބިން ކުއްޔަށް ނަގައި، ކުލި ނުދައްކައި އެތަންތަން ތަރައްގީކޮށްފައި ނުވާ ފަރާތްތަކަށް މި ބިލުން ބޮޑެތި ލުއިތަކެއް ފަހިކޮށްދިނުމަށް ވަނީ ހުށަހަޅައިފަ އެވެ.
ބިލުގައިވާ ގޮތުން ކޮންސްޓްރަކްޝަން މުއްދަތެއް ހޯދުމަށް ޓަކައި ޓޫރިސްޓް ރިސޯޓް، ހޮޓާ، އަދި ގެސްޓްހައުސްތަކުގެ ގޮތުގައި ރަށްރަށާއި ބިންބިން ތަރައްގީ ކުރުމަށް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންސްޓްރަކްޝަން މުއްދަތެއް ދޭން ޖެހޭނީ އެ މުއްދަތުގައި ކުލި ނުހިނގާ ގޮތަށެވެ. އަދި އެތަންތަނުން މިހާތަނަށް ސަރުކާރަށް ނުދައްކާ ހުރި ކުލި 10 އަހަރު ދުވަހުގެ ތެރޭގައި 40 ކުއާޓަރަށް ބަހާލައިގެން ދައްކަން ޖެހޭ ގޮތަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ. ނަމަވެސް އެގޮތަށް ބަހާލައިގެން ކުލި ދައްކާ އިރު އެ ކުއާޓަރެއްގައި ދައްކަން ޖެހޭ ފައިސާ ނުދައްކައިފި ނަމަ ޖޫރިމަނާވާ އުސޫލުތަކެއް ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ.
މި ބިލުގެ ބަހުސްގެ މަރުހަލާގައި ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ ގިނަ މެންބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.