އައިޖީއެމްޗުގައި ވިހެއުމުގެ ތެރޭގަި ދެ ކުއްޖަކު މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ބަލަން ފަށައިފި އެވެ.

އައިޖީއެމްއެޗްގައި މަރުވެފައި ވަނީ ދެކުދިން ކަމަށާއި ދެކުދިން ވެސް މަރުވެފައި ވަނީ ވިހެއުމުގެ ކުރިން ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުން އެހެން ބުނީ ދެ ކުދިން މަރުވި މައްސަލާގއި އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އަމާޒުވުމުންނެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީއިން ވަނީ އެމައްސަލަ ބަލަން ފަށާފަ އެވެ. މައްސަލަ ބަލަނީ އާންމު ފަރާތަކުން ހުށަހަޅައިގެން ކަމެއް ނުވަ ކޮމިޓީގެ އަމިއްލަ ނިންމުމަށް ކަމެއް ސާފެއް ނުވެ އެވެ.

ދެކުއްޖަކު އައިޖީއެމްއެޗުގައި އެއް ދުވަހެއްގައި ނިޔާވެފައިވާ މައްސަލާގައި އައިޖީއެމްއެޗުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ "މި ދެކުދިން ވެސް ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރީން" ކަމަށެވެ.

އައިޖީއެމްއެޗްގެ ބަޔާނުގައި ބުނެފައި ވަނީ މިފަދަ ޕްރިނޭޓަލް (ވިހެއުމުގެ ކުރިން) މަރުގެ ފުރިހަމަ ތަހުގީގެއް އަބަދުވެސް އެ ހޮސްޕިޓަލުން ކުރިއަށްގެންދާ ކަމަށާއި ޕްރިނޭޓަލް އަދި ޕޯސްޓްނޭޓަލް (ވިހެއުމަށް ފަހު) ކޮންމެ މަރަކީ ވެސް ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގު ކުރުމުގެ އިތުރުން ހެލްތު މިނިސްޓްރީގެ ކަމާބެހޭ ކޮމިޓީން ވެސް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބަލަމުން އަންނަ ކަމެއް ކަމަށެވެ.

އައިޖީއެމްއެޗް އިން ބުނީ ކޮންމެ މަރެއްގެ ތަފްސީލު ވެސް އާއިލާއިން ބޭނުން ވެއްޖެ ނަމަ އާއިލާ އާއި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

"ހޮސްޕިޓަލުގައި ފުރާނައެއް އަޅުގަނޑުމެންނާ ވަކިވާ ކޮންމެ ފަހަރަކީ ހޮސްޕިޓަލުގެ ހުރިހާ މުވައްޒަފުންނަށް ވެސް އެކަމުގެ ފުން ހިތާމައެއް އިހްސާސް ކުރުވާ ކަމެކެވެ." ހޮސްޕިޓަލުގެ ބަޔާނުގައިވެ އެވެ.