ނޭޝަނަލް ޑޭޓާ ސެންޓަރު އިތުރަށް ހަރުދަނާ ކުރުމަށް ޓަކައި އޮފްސައިޓް ޑޭޓާ ސިސްޓަމެއް ޤާއިމުކުރަން ކޮމިއުނިކޭޝަން މިނިސްޓްރީން ނެޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޮލިޖީއާ ހަވާލުކޮށްފި އެވެ.

އެކަމާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލު މިއަަދު ވިދާޅުވީ އެންސީއައިޓީއާ ގުޅިގެން ފެށި އެ މަސައްކަތް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

"މިކަމުގެ ސަބަބުން ސަރުކާރުގެ މައުލޫމާތު ބެލެހެއްޓޭ ނިޒާމުމިހާރަށް ވުރެ ރިސީލިއެންޓް ވާނެ. އަޅުގަނޑުމެން އުންމީދު ކުރަނީ ސަރުކާރުން ބަލަހައްޓާ މައުލޫމާތުތަކަކީ (ޑޭޓާބޭސް، ޑޭޓާ) މިހާރަށް ވުރެ ރައްކާތެރި އެއްޗަކަށް ހެދުން." މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ ސަރުކާރުގެ މުހިންމު މައުލޫމާތުތަކާއި ޑޭޓާ ލީކުވާ މައްސަލައިގެ ޝަކުވާ ކުރިން ލިބެމުން އައި ކަމަށާއި އެކަން ހަރުދަނާ ކުރުމަށް ކޮމިއުނިކޭޝަން މިނިސްޓްރީން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އައިއެސްއޯ މިންގަނޑަށް ފެއްތުމަށް ޓަކައި ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް މިނިސްޓްރީން ފަށާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ބެކަޕް ސިސްޓަމް ހަރުދަނާ ކުރުމާއި، ޑޭޓާ ސެންޓަރަށް ވަނުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން ޑޭޓާ ސެންޓަރަށް ބޭނުންވާ ހާޑްވެއާއާއި ސޮފްޓްވެއާ ހަމަކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް ޤާއިމުކުރާ އޮފްސައިޓް ޑޭޓާ ސިސްޓަމްގެ ބޭނުން މިނިސްޓްރީތަކުގެ އިތުރުން މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި އަދި ކޯޓުތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވެސް ހިފޭނެ އެވެ.

މިނިސްޓަރު މަލީހު ވިދާޅުވީ އެ މަޝްރޫޢަށް މިހާރު ހުރި ހާޑްވެއާތައް ވެސް ބޭނުންކޮށްފައިވާނެ ކަމަށާއި މަޝްރޫޢަށް ޚަރަދުވާނީ ޖުމްލަ 1.5 މިލިއަން ރުފިޔާ ކަމަށެވެ.

އެ މަޝްރޫޢު ނިމުމުން ބެކަޕް ކެޕޭސިޓީ 100 ޓެރަބައިޓަށް އިތުރުވެގެންދާނެ އެވެ.