ސާކްގެ ގައުމުތަކުން އައްޑޫގައި ބަހައްޓާފައިވާ ބުދު ހިމެނޭ މޮނިއުމަންޓްތައް ބަޔަކު ތަޅާމުން އެ މައްސަލަ ބޭރު ގައުމުތަކުގައި ވަރަށް ގޯސްކޮށްވެފައިވާ ކަމަށް ދިވެހި ހާރިޖީ ވަޒީރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ ސަލާމަތުގެ ކޮމެޓީގައި މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނަސީމް ވިދާޅުވީ ބުދު ހިމެނޭ މޮނިއުމަންޓްތަކުގެ މައްސަލާގައި ތަހުޒީބު ގޮތަކަށް ދިވެހިން އަމަލު ކުރަންޖެހިފައިވާ ކަމަށެވެ. އަދި ބުދުތައް ތަޅާލި މައްސަލައަކީ ވަރަށް ދެރަ ކަމެއް ކަމަށާއި އެ މައްސަލަ ބޮޑުކޮށްގެން ސިޔާސީ ކަމަކަށް ހެދުމަކީ ހުތުރުކަމެއް ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

"މޮނިއުމަންޓްތަކުގެ މައްސަލާގައި ވަރަށް ގޯސްކޮށް ގިނަ ގައުމުތަކުން ނަގާފައި ވަނީ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ މިކަމުގައި އެއްވެސް ކަހަލަ ސިޔާސީ ކުލަވަރެއް ޖެހޭ ކަހަލަ ގޮތަކަށް ނުވުން. މިކަން ސިޔާސީ ކުރުމަކީ ވަރަށް ހުތުރު ކަމެއް. އަދި ލަދުކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ބުދު މޮނިއުމަންޓްތައް ތަޅާލި މައްސަލަ ސާކް ގައުމުތަކުގައި ގޯސްވެފައިވުމުން އެކަން ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ބުދު މޮނިއުމަންޓްތައް ބަހައްޓާފައި ހުރީ ފޮރިން މިނިސްޓްރީއަކުން ނޫން ކަމަށާއި އެކަން ކުރީ އައްޑޫ ސިޓީ ކައުންސިލުން ކަމަށެވެ. އަދި އެ މޮނިއުމަންޓްގައި ބުދު ހުރިތޯ ބެލުމަކީ ފޮރިން މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށް ނަސީމް ވިދާޅުވި އެވެ.

"މޮނިއުމަންޓްތައް ބަހައްޓާފައި ހުރީ ކައުންސިލުން، ހާރިޖިއްޔާއަކުން ނޫން. އެ މޮނިއުމަންޓްގައި ހުރި އެއްޗެއް ބެލުމަކީ އެހެން ފަރާތަކުގެ ޒިންމާއެއް،" ނަސީމް ވިދާޅުވި އެވެ.

ނަސީމް މިއަދު ކޮމެޓީއަށް ހާޒިރު ކުރީ ގައުމުތަކުގެ ސަފީރުން އިރުއިރުކޮޅާ ބަދަލު ކުރާ މައްސަލާގައި ޖަވާބުދާރީ ކުރުވުމަށެވެ. މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ގައުމުތަކުގައި ދިވެހިން ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް އެމްބަސީތަކުން ކުރަމުންދާ މައްސައްކަތްތަކާ ބެހޭ ގޮތުން ހާރިޖީ ވަޒީރާ ސުވާލުކޮށްފަ އެވެ.