17 Nov 2019, 13:00
ދެހާސް ބާރަ ވަނަ އަހަރު ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ވަޒީފާ އިން ސަސްޕެންޑުކޮށްފި އެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމުގައިވާ ޝާން އަދާކުރަމުން އަންނަނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްޒެޑްއަައިއެލް) ތިލަފުށީ ސައިޓްގެ ސުޕަވައިޒަރެއްގެ މަގާމެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު (އިބޫ) "ސަން" އަށް މިއަދު ވިދާޅުވީ ޝާން ސަސްޕެންޑުކޮށްފައި ވަނީ ރައީސް އޮފީހުން އަންގައިގެން ކަމަށެވެ.
އޭނާ ވަޒީފާ އިން ސަސްޕެންޑު ކޮށްފައިވާކަމުގެ ލިޔުން މިއަދު ހަވާލުކޮށްފައި ވާއިރު، މައްސަލަ މުޅިން ތަހުގީގުކޮށް ނިމެންދެން އޭނާ ސަސްޕެންޑުކޮށްފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުގެ ރޭ، ޓީވީއެމްގައި ދީނީ ޕްރޮގްރާމެއް ޝޫޓުކުރެއްވުމަށް ފަހު ގެއަށް ވަޑައިގަތްތަނާ، އޭނާ ދިރިއުޅުއްވި ހ. ފުންވިލުގޭގެ ސިޑިގޮޅިތެރެއިންނެވެ.
އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ ހުކުމް އިއްވައި، ކޯޓުގެ ހުރިހާ މަރުހަލާއަކުން ވަނީ އެ ހުކުމް ދަމަހައްޓައިފަ އެވެ.
ހުމާމް އާ އެކު ޝާން އާއި 18 އަހަރު ނުފުރޭ ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ގަސްތުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާ އުފުލި އެވެ. އެހެން ނަމަވެސް އެ ދެމީހުންގެ މައްޗަށް ދައުވާ ސާބިތުވެފައެއް ނުވެ އެވެ.
އެހެން ނަމަވެސް ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެ މައްސަލާގައި ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހުމާމްއާ އެކު އެ ހަމަލާ ދިނުމުގައި ޝާން ބައިވެރިވެފައިވާ ކަމަށެވެ.
ޝާންގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކޯޓުގައި ސާބިތު ނުވުމުން، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭރު ވިދާޅުވެފައި ވަނީ ޝާންގެ މައްޗަށް މައްސަލަ ސާބިތު ނުވީ، ޝަރުޢީ ކޯޓަކުން އެ މައްސަލަ ސާބިތުވާ ވަރަށް ހެކި ލިބިފައި ނެތުމުން ކަމަށެވެ. އެހެން ނަމަވެސް ޝާން އެކަމުގައި ބައިވެރިވިކަން ހާމަކޮށްދެވޭނެ ވަރަށް ފުލުހުންގެ އަތުގައި ހެކި އެބަހުރި ކަމަށް އުމަރު އޭރު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޝާންގެ ފައިގައި މޮނިކޮން ޓެގު ވެސް ވަނީ އަޅުވައިފަ އެވެ.
މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ހިންގާ ރާވައިގެން ކަމަށެވެ.