17 Nov 2019, 13:03
މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ލިސްޓުކޮށް، އެ ބޭންކުގެ ހިއްސާ ގަނެވިއްކަން ފަށައިފި އެވެ.
މިއަދު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ހިއްސާގެ ބާޒާރުގައި އެމްއައިބީ ލިސްޓުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ.
އެމްއައިބީން ވަނީ އެ ބޭންކުގެ އައިޕީއޯގައި ހިއްސާ ގަތް ފަރާތްތަކުގެ ހިއްސާތައް، އެ ފަރާތެއްގެ ނަމުގައި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގައި ހުޅުވާފައިވާ ޑިޕޮސިޓަރީ އެކައުންޓުތަކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ޖަމާކޮށްފަ އެވެ.
އެމްއައިބީގެ އައިޕީއޯގައި 35 ރުފިޔާގެ ރޭޓުން އެކުންފުނީގެ 31 އިންސައްތައިގެ ހިއްސާ ވަނީ ވިއްކައިފަ އެވެ.
އައިޕީއޯގައި ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ ވިއްކާފައިވާ އިރު، ކޮންމެ ފަރާތަކުން ވެސް މަދުވެގެން ގަންނަން ޖެހޭނެ ކަމަށް ކަނޑައެޅީ 20 ހިއްސާ އެވެ.
މިއަދު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އެމްއައިބީ ލިސްޓުކުރުމާ އެކު، މިހާރު ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ އަދަދު އަށަކަށް ވަނީ އިތުރުވެފަ އެވެ.