17 Nov 2019, 11:13
ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ހަރާބުގެ މަގަށް ހިނގައިދާނެ ކަމާމެދު ޝައްކު ނުއުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓުގެ ހުލާސާއެއް އިއްވަމުންނެވެ. އެ ރިޕޯޓުގަައި ވާގޮތުން ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލީ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ހިންގާ ރާވައިގެންނެވެ.
އެ ރިޕޯޓު މަޖިލީހުގައި އިއްވަވައި ނިންމެވުމަށް ފަހު ރައީސް ނަޝީދު ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގު ކުރެވި ހުއްޓުވަން ޖެހޭ ކަމަށެވެ.
"މި ދިވެހިރާއްޖޭގައި ހިނގާ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގު ކުރެވި ހުއްޓުމަކަށް ނުގެނެވިއްޖެ ނަމަ. އަޅުގަނޑުމެންގެ ރާއްޖެ ހަރާބުގެ މަގަށް ދާނެ ކަމީ އަޅުގަނޑުގެ ހިތުގައި މިހާރު ޝައްކު ހިނގާ ކަމެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.
ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އަދި ދައުލަތުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން މަރު ކޮމިޝަނުން އެކުލަވާލާފައިވާ އެ ރިޕޯޓުގެ މައްޗަށް އަމަލު ކުރުމަށް އަވަސްވެ ގަތުމަށް ނަޝީދު ވަނީ ގޮވާލާފަ އެވެ.
ދީނީ ހަރުކަށި ފިކުރު ހިންގުމަށް ރާއްޖޭގައި އިސްކޮށްއުޅޭ ދެމީހުންނަކީ މާލެ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އަދި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެއީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަދި އަފްރާޝީމްގެ މަރުގެ މައްސަލައިގައިވެސް ހިމެނޭ ޖަމާއަތުގެ ވެރިން ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގާކަން ރިޔާސީ ކޮމިޝަނުން ފާހަގަ ކުރެ އެވެ. އެގޮތުން ސަލްޓަން ޕާކުގައި ބޮންގޮއްވި ހާދިސާއަކީވެސް ހަރުކަށި ފިކުރުގެ ޖަމާއަތަކުން ހިންގި މައުލޫމާތު ކަަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.