17 Nov 2019, 10:57
ސްރީލަންކާގެ އިންތިހާބީ ރައީސް ގޮޓާބަޔަ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
ގޮޓާބަޔައަށް މަރުހަބާ ވިދާޅުވެ ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގޮޓާބަޔަގެ ރިޔާސަތުގައި ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އާ ރިޔާސަތާއެކު ދެ ގައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސްރީލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ކޮއްކޯފުޅު އަދި ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ ކާމިޔާބީ އިއުލާން ކުރައްވާފަިއވާއިރު މިހާތަނަށް ގުނާފައިވާ ވޯޓުގެ 50 ޕަސެންޓު ވޯޓު ގޮޓާބަޔަ ވަނީ ކާމިޔާބު ކުރައްވައިފައެވެ.
އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލިއެވެ. އެއީ ގާތްގަނޑަކަށް 12 މިލިއަނެއްހާ މީހުންނެވެ.
ލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ އެ އިންތިހާބުގެ ރަސްމީ ނަތީޖާ މިއަދު 15:00 އާއި 16:00އާ ދޭތެރޭ އިއުލާން ކުރެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފަ އެވެ. އަދި އޭރުން އާ ރައީސަށް މާދަމާ ވެރިކަމުގެ ހުވާ ކުރެއްވޭނެ ކަމަށް ބުނެފަ އެވެ.
ގޯޓާބަޔަ ރައީސްކަމަށް އިންތިހާބުވުމުން އެ ވާނީ ލަންކާގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ވެރިކަމަށް އިސްވެވަޑައިގަންނަވާ ފުރަތަމަ ފަހަރަށެވެ. އަދި އޭނާ ބޮޑުވަޒީރު ކަމަށް ހިޔާރު ކުރައްވާނީ ބޭބޭފުޅު މަހިންދަ ކަމަށް ބެލެވެއެވެ.
ލަންކާގައި 2005އިން 2015އަށް ވެރިކަން ކުރެއްވި މަހިންދަގެ ވެރިކަމުގައި ގޯޓާބަޔަ ޑިފެންސް ސެކްރެޓަރީގެ މަގާމު އަދާކުރެއްވިއެވެ. އަދި އެގައުމުގެ 26 އަހަރުވީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އެ ދެ ބޭފުޅުން އިސް ދައުރެއް އަދާކުރެއްވިއެވެ.