ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމު ރަޝާދު ހުށަހެޅުއްވި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް ބަލައިގެންފައި ވަނީ 66 މެންބަރުންގެ ތެރެއިން 61 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އަހަރަކު އާމްދަނީގެ ގޮތުގައި 500،000 ރުފިޔާ ނުލިބޭ، އަދި ހަ މުވައްޒަފުންނަށް ވުރެ މަދުން މީހުން މަސައްކަތްކުރާ ކުންފުނިތަކަކީ އެންމެ ކުދި ފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި ވަނީ ކަނޑަ އަޅައިފަ އެވެ. އަދި އަހަރަކު ފަސް މިލިޔަނަށް ވުރެ ދަށުން އާމްދަނީ ލިބޭ 30 މުވައްޒަފުންނަށް ވުރެ މަދުން މަސައްކަތްކުރާ ކުންފުނިތަކަކީ ކުދި ފަންތީގެ ވިޔަފާރީގެ ގޮތުގައި ކަނޑައަޅާފައިވާ އިރު މެދު ފަންތީގެ ވިޔަފާރީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100 އަށް ވުރެ މުވައްޒަފުން އިތުރުނުވާ، އަހަރަކު ފަސް މިލިޔަނާއި 20 މިލިޔަނާ ދެމެދުގެ އާމްދަނީއެއް ލިބޭ ވިޔަފާރިތަކެވެ.
މި ބިލުގައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދިނުމަށްޓަކައި ފަންޑެއް އުފެއްދުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެ ގޮތުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ދިނުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހިމާޔަތްކުރުމުގެ ގޮތުން ޓޫރިސްޓް ޝޮފްތަކުގައި ވިއްކާ އަތްތެރިމަސައްކަތުގެ ސާމާނު ފުރަތަމަ އަހަރުގައ 15 ޕަސެންޓްގައި ބެހެއްޓުމަށް މި ބިލުގައި ވަނީ ލާޒިމްކޮށްފަ އެވެ. އަދި ދެ ވަނަ އަހަރު 25 ޕަސެންޓް ލާޒިމްކޮށްފައިވާ އިރު ތިން ވަނަ އަހަރު50 ޕަސެންޓް ދިވެހި އުފެއްދުންތައް ވިއްކަން ޖެހޭ ގޮތަށް ބިލުގައި ވަނީ ކަނޑަ އަޅައިފަ އެވެ.