ކ. ހުރައަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ގެނބިގެން މަރުވި އެ ސްކޫލްގެ ހަތަރު ކުދިންނާ ޕްރިންސިޕަލްގެ މަރުގެ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ]ޕީޖީ[ އަށް ފޮނުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމު މިއަދު ވިދާޅުވީ ގިނަ ކުދިންތަކަކާއި ސްކޫލްގެ ޕްރިންސިޕަލް ނިޔާވި ހާދިސާގެ ތަހުގީގުން ފުލުހުންނަށް ކަންތައްތަކެއް ފާހަގަ ކުރެވި، ވިސްނަން ޖެހޭ ކަންތައްތަކެއް ހުރުމުން، އެކަންކަން ފާހަގަކޮށް ޕީޖީ ގޮތެއް ނިންމެވުމަށް މައްސަލަ ޕީޖީ އަށް ފޮނުއްވާފައިވާ ކަމަށެވެ.

ނަމަވެސް ފާހަގަ ކުރެވުނީ ކޮންކޮން ކަންތައްތަކެއް ކަމެއް ފުލުހުން މީޑިއާ އަކަށް ނުބުންޏެވެ.

”ޕީޖީ ނިންމަވާނީ ޝަރީއަތް ކުރަންވީތޯ ނުވަތަ ނޫންތޯ،" ޝިޔާމު ވިދާޅުވި އެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ފުލުހުން ޕީޖީ އަށް ފޮނުވީ މިދިޔަ ބުދަ ދުވަހު އެވެ.

ހުރާގައި ހިނގި ހާދިސާގައި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރަކު މަރުވެ، ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވި ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބަލަން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވަނީ އިއްޔެ ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި ހޯމް މިނިސްޓަރު ހަސަން އަފިފާއި ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލު ވެސް އެ ކޮމެޓީއަށް ހާޒިރުވުމަށް މިހާރު ވަނީ އަންގައިފަ އެވެ.

ހުރާ ކޭމްޕު ސަރަހައްދުގެ މޫދުގައި ކޮނެފައިވާ ފުންގަނޑެއްގެ ތެރެއަށް ހިރިޔާގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ނާޒިމް ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ހިރިޔާ ސްކޫލްގެ މެނޭޖްމަންޓާއި އެ ސްކޫލްގެ ބޯޑް ވެސް ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ.

މަރުވި ހިރިޔާ ސްކޫލްގެ ހަތަރު ދަރިވަރުންނާއި ޕްރިންސިޕަލް ނިޔާވި ހާދިސާއާ ގުޅިގެން އެޑިއުކޭޝަނުން އެކުލަވާލި ޓީމުގެ ރިޕޯޓު، އެ ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާ އާ ސެޕްޓެމްބަރު މަހު ވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެގެން ކަމެއް އަދި އެކަން ހިނގީ ކޮން ބައެއްގެ އިހުމާލަކުން ކަމެއް، ޒިންމާވާ ފަރާތަކީ ކޮބައިކަމެއް މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ.

ހިރިޔާ ސްކޫލްގެ 32 ކުދިންނާއި ޕްރިންސިޕަލްގެ އިތުރުން ބައެއް ދޭސީ، ބިދޭސީ ޓީޗަރުން ގޮވައިގެން ހުރައަށް ކުރި ދަތުރުގައި ގެނބިގެން މަރުވީ ގްރޭޑް ނުވައެއްގައި ކިޔަވަމުން ދިޔަ ނަޝްއަތު ސައީދު، ގއ. ދެއްވަދޫ މީނާޒް އާއި މަރިޔަމް ނާޒް، ހއ. ހޯރަފުށީ ސުވާސާގެ އާއި އައިޝަތު ޝާނިހާ، ރ. ރަސްމާދޫ ހަނދުވަރީ ވިލާ އަދި މަރިޔަމް ޝައިހާ، މ. މޮއިޝާ އެވެ. ދެން އެ ހާދިސާގައި އަވަހާރަވީ ސްކޫލްގެ ޕްރިންސިޕަލެވެ.

ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ދަތުރު ގޮސް އުޅެނިކޮށް ގެނބި ހަތަރު ދަރިވަރުން މަރުވެ ސްކޫލްގެ ޕްރިންސިޕަލް އަލީ ނާޒިމް އަވަހާރަވި ހާދިސާ ހިނގި ކ. ހުރާ ޔޫތު ކޭންޕަކީ ދަތުރު ދިއުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ނިންމައި ހުރާ ޔޫތު ކޭމްޕާއި އެ ކެމްޕާ ގުޅިފައިވާ މޫދުގެ ސަރަހައްދު ރަށު ކައުންސިލުގެ ބާރުގެ ދަށަށް ގެންގޮސް އެ ކޭމްޕް މިހާރު ވަނީ ބަންދުކޮށްފަ އެވެ.