17 Nov 2019, 09:27
ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ 119 މީހަކަށް އިންސާފު ހޯދައިދީފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކުރީ ސަރުކާރުގައި ސިޔާސީ ސަބަބުތަކަށްޓަކައި ނުވަތަ އެހެނިހެން ސަބަބުތަކަށްޓަކައި ދައުލަތުގެ ވަޒީފާތަކުން ވަކި ކުރި މީހުންނާއި އެހެން ވަޒީފާއަކަށް ބަދަލު ކުރި މީހުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޝަނުގެ ނަމުގައި ކޮމިޝަނެއް އުފައްދަވައިފަ އެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމިޝަނަށް މައްސަލަ ހުށަހެޅި މީހުންގެ ތެރެއިން ސެޕްޓޭމްބަރު މަހުގެ ނިޔަލަށް 119 މީހުންނަށް ވަނީ ކޮމިޝަނުން އިންސާފު ހޯދައިދީފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އޭގެ ތެރެއިން ބައެއް މީހުންނަށް ވަޒީފާއިން ވަކި ކުރުމުގެ ބަދަލު ދިން އިރު އަނެއްބައި މީހުންނަށް އަލުން ވަނީ ވަޒީފާ ދީފަ އެވެ.
އެފަދަ މައްސަލަތައް ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. މައްސަލަތަށް ހުށަހެޅުމަށް ސަރުކާރުން ދިނީ 30 ދުވަހުގެ މުއްދަތެކެވެ.
އެ މުއްދަތުގެ ތެރޭގައި ބޭއިންސާފުން ވަޒީފާ އިން ވަކި ކުރުން ނުވަތަ ވަޒީފާ ބަދަލު ކުރުމުގެ މައްސަލަތަކުގެ ގޮތުގައި ރައީސް އޮފީހަށް 451 މައްސަލައެއް ހުށަހެޅި ކަމަށް ރައީސް އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެފަދަ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.