އިންޑިޔާގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވާން އަމީނިއްޔާ ސްކޫލުން ދިޔަ ދަރިވަރުންތަކެއްގެ ތެރެއިން ތިން ދަރިވަރަކު ދިއްލީ އެއާޕޯޓްގައި ބައިތިއްބުމަށް ފަހު ކުދިންނާ ހަވާލުވެގެން ދިޔަ ޓީޗަރާއި ދެން ތިބި ފަސް ކުދިން މާލެ އައުމަށް ނައްޓާލައިފި އެވެ.

އިންޑިޔާގެ ވެރިރަށް ދިއްލީގައި އޮތް ޔުނެސްކޯ މޮޑިއުލް ކޮންފަރެންސްގައި ބައިވެރިވުމަށް ތިން ދުވަހުގެ ދަތުރެއްގައި ދިއުމަށް ފަހު އަށް ދަރިވަރުންނާއި ޓީޗަރު މާލެ އައުމަށް އޮތީ މިއަދު އެވެ. މާލެއަށް ފުރަން ދިއްލީ އެއާޕޯޓަށް ގޮސް ތިން ކުއްޖަކު ނުލައި ފުރަން ޖެހެނީ އެ ތިން ކުދިން އެއާޕޯޓަށް ގޮސް ޗެކިން ނިންމުމަށް ފަހު ހަބަރެއް ނުވެގެނެވެ.

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާތިޔާ ނަސީރު މިއަދު ވިދާޅުވީ ތިން ދަރިވަރުން ދިއްލީ އެއާޕޯޓަށް ދޫކޮށްލާފައި ފުރަން ޖެހުނީ ޗެކިން ކުރުމުގެ ވަގުތު ނިމި، ފްލައިޓް ނައްޓާލަން ތައްޔާރުވީ އިރު ވެސް އެ ކުދިންގެ ހަބަރެއް ނުވެގެން ކަމަށެވެ. ނަމަވެސް މިހާރު ދިވެހި އެމްބަސީގެ އެހީގައި އެކުދިން ބެންގަލޫރަށް ފުރުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓީޗަރު ދިޔައީ ހުރިހާ ދަރިވަރުން ގޮވައިގެން، އެކަމަކު ނަން ގޮވިއިރު ވެސް އެ ތިން ކުދިން ހަބަރެއް ނުވި، ބެލޭނެ ހުރިހާ ވަރަކަށް ބެލުމަށް ފަހު ނައްޓައިލީ،" އާތިޔާ ވިދާޅުވި އެވެ.

ތިން ދަރިވަރުން ނުލައި ފުރި ޓީޗަރާއި ފަސް ކުދިން ދަތުރު ކުރި ފްލައިޓް ވެސް ދާނީ ބެންގަލޫރަށެވެ. ޕްރިންސިޕަލް ވިދާޅުވީ ދަތުރުގެ ޓިކެޓް ނަގާފައި ވަނީ ދިއްލީމަގުން ބެންގަލޫރުގައި މަޑުކުރުމަށް ފަހު މާލެ އަންނަ ގޮތަށް ކަމަށެވެ. އަދި ވިދާޅުވީ ހެނދުނު ބެންގަލޫރަށް ދިޔަ ފަސް ދަރިވަރުންނާއި ޓީޗަރު، އަނެއް ތިން ކުދިންގެ އަންނަންދެން މަޑުކޮށްގެން އެބަތިބި ކަމަށެވެ.

"ރާއްޖޭގެ އެމްބަސީގެ އެހީއާ އެކު މިހާރު އެ ތިން ކުދިން ދިއްލީން ފުރައިގެން ބެންގަލޫރަށް ދަތުރުކުރަމުން އެބަގެންދޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު އެކުދިން ތިބީ ބެންގަލޫރަށް އަންނަ ފްލައިޓްގައި،" އާތިޔާ ވިދާޅުވި އެވެ.


"މާލެ އަންނާނީ ހުރިހާ ކުދިން އެއްކޮށް ފްލައިޓުގެ ގަޑިއަށް އައިބަދަލަކާ އެކު އެކުދިން މާލެ އަންނާނެ ވަގުތެއް ދަންނަވަން ދަތި،" އާތިޔާ ވިދާޅުވި އެވެ.

މިއަދު މެންދު ފަހު އަމީނިއްޔާ ސްކޫލުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ވިދާޅުވީ މިހާރު އެކުދިން ތިބީ ބެންގަލޫރުގައި ކަމަށާއި ހަވީރު މާލެ އަންނާނެ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

Athiya Naseer (mp3)