16 Nov 2019, 16:35
ރާއްޖެއެކޭ އެއްގޮތަށް ސްރީލަންކާގައި ވެސް އިންތިހާބެއް ބާއްވާ އިރު އާއްމު ގޮތެއްގައި މީސްމީޑިއާ ފުރާލަނީ އިނގިލީގައި ޖަހާ ނިޝާން ފެނިގެންދާ ފޮޓޯތަކުންނެވެ. ނަމަވެސް މިއަހަރު ލަންކާގެ ރިޔާސީ އިންތިހާބު ތެރޭ އިނގިލީގެ ފޮޓޯތަކާ އެއްވަރަށް، މީސްމީޑިއާއިން ފެނިގެން ދަނީ އަލަށް އިންދާފައިވާ ގަސްތަކެވެ.
ލަންކާގައި ގަސް އިންދުމަށް ޓަކައި އެގައުމުގެ ޓުވިޓާ ބޭނުން ކުރާ ފަރާތްތަކުން މިއަހަރު ތެރޭ އުފެއްދި ގްރީން ޑްރީމް ސްރީ ލަންކާ ކެމްޕޭނުން ހިތްވަރު ލިބިގެން، ގިނަ އަދަދެއްގެ މީހުން ވަނީ ވޯޓު ލުމުގެ ކުރިން ނުވަތަ އޭގެ ފަހުން ގަހެއް އިންދުމަށް ފަހު އެގަހުގެ ފޮޓޯ ޓުވިޓާގައި ހިއްސާކޮށްފަ އެވެ.
އެގޮތުން ބައެއް ފަރާތްތަކުން ވަނީ އެއީ ކޮންމެ ވޯޓަކަށް ގަހެއް އިންދާ ޗެލެންޖެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެހެން ފަރާތްތަކުން ވަނީ ވޯޓުލުމެކޭ އެއް ފަދައިން ގަސް އިންދުމަކީ ވެސް ޒިންމާއެއް އަދާ ކުރުން ކަމަށް ބުނެފަ އެވެ.
ޓުވިޓާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކި މީހުން އިންދާފައި ވަނީ އެކި ބާވަތްތަކުގެ ގަސްތަކެވެ. އެގޮތުން ބައެއް މީހުން މާ ގަސްތައް އިންދި އިރު އެހެން މީހުން މޭވާ އަޅާ ގަސްތައް އިންދާފައިވެ އެވެ.
ލަންކާގައި މިއަދު ބާއްވާ އަށް ވަނަ ރިޔާސީ އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ވޯޓު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ އިދިކޮޅު ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސަ އާއި ވެރިކަން ކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓު އަދި އެގައުމުގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ގާތްގަނޑަކަށް 16 މިލިއަން މީހުން ވޯޓު ލާން ރެޖިސްޓާކޮށްފައިވާ އެއިންތިހާބުގެ ނަތީޖާ މިރޭ އިއުލާން ކުރަން ފަށާނެ ކަމަށް ނިންމާފަ އެވެ.