އަޅާލާނެ މީހަކު ނެތި ގދ. ގައްދޫ ފަޅުގެއެއްގައި އެކަނިމާއެކަނި، އޮތް އުމުރުން ދުވަސްވީ މީހާ ހާޓްއެޓޭކެއް ޖެހިގެން މަރުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން އެއްފަޅި ވާގިނެތިފައި އޮތް ގައްދޫ ސެންޓުގޭ، ހުސެއިން ޖަމީލް 56، މަރުވެފައި އޮއްވައި ފެނުނީ މި މަހުގެ 10 ވަނަ ދުވަހު އެ ރަށު ބަޔަކަށް ކަމަށް ގައްދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ޖަމީލް ހޮސްޕިޓަލަށް ގެންދިއުމުން މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޖަމީލްގެ ކަށުކަމާކެމީގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށުގައި ދިރިއުޅޭ އޭނާގެ ތިމާގެ މީހެކެވެ. އަދި ޖަމީލްގެ ހަމައެކަނި ހުރި ދަރިފުޅު ހުރީ އެވަގުތު މާލޭގަ އެވެ.

ޖަމީލަށް އަޅައިލާނެ މީހަކު ނެތުމުން އެ ރަށު ކައުންސިލް އިދާރާ އިން ވަނީ އޭނާގެ ވާރިސަކު ހޯދުމަށް ކޯޓަށް މައްސަލަ ވެސް ވައްދާފަ އެވެ.

ކުރިން ގައްދޫގައި ހޮޓަލަކާއި ފިހާރައެއް ހިންގަމުން އައި ޖަމީލު މަރުވެގެން ދިޔައިރު ވެސް އާއިލާގެ މީހުންގެ މާބޮޑު އެހީތެރިކަމެއް ލިބިފައިނުވާ ކަމަށް އެ ރަށު ބައެއް މީހުން ބުނެ އެވެ.