16 Nov 2019, 12:49
ކޮލަމްބޯ (ނޮވެމްބަރު 16): ސްރީލަންކާގައި މިއަދު ބާއްވާ ރިޔާސީ އިންތިހާބަށް ފަހު ރައީސްކަމަށް ހޮވޭ ބޭފުޅަކަށް އަންނަ ހޯމަ ދުވަހު ވެރިކަމުގެ ހުވާ ކުރެވޭނެ ކަމަށް ބެލެވޭ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ލަންކާގެ އިލެކްޝަންސް ކޮމިޝަންގެ ޗެއާމަން މަހިންދަ ދެޝަޕްރީ ވިދާޅުވި ގޮތުގައި މިއަދު 17:00ގައި ވޯޓުލާ ނިމުމުން، މިރޭ 2:00 އެހާކަންހާ އިރު ފުރަތަމަ ނަތީޖާތައް އިއުލާން ކުރެވޭނެ ކަމަށް ގަބޫލު ކުރެވެ އެވެ. އަދި މާދަމަ 8:00ގެ ކުރިން ދެބައިކުޅައެއްބައި ވޯޓުތަކުގެ ނަތީޖާ އިއުލާން ކުރެވޭތޯ އެކޮމިޝަނުން ބަލާނެ އެވެ.
މީގެ އިތުރުން ދެޝަޕްރީ ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް ގާތްގަނޑަކަށް 300،000 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ. އޭގެ ތެރެއިން ކޮލަމްބޯގެ ރޯޔަލް ކޮލެޖުގައި ތިބި 50 އޮފިޝަލަކު އިއްޔެ ކާނާ ވިހަވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ގެންގޮސްފައިވެ އެވެ.
ލަންކާގައި ވޯޓުލަނީ ޕްރިފަރެންޝަލް ސިސްޓަމް ނުވަތަ އިސްކަންދޭ ތަރުތީބެއް ޖެހުމުގެ ނިޒާމުން ކަމަށް ވެފައި، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސަންޓު ރައްޔިތުންގެ "އެންމެ އިސްކަން" ނުލިބިއްޖެ ނަމަ، ދެވަނައަށް އަދި ތިންވަނައަށް އެންމެ އިސްކަން ދީފައި ހުރި ވޯޓުތައް ވެސް ގުނަން ޖެހޭނެ އެވެ. އެހެންވެއްޖެ ނަމަ ނަތީޖާ އިއުލާން ކުރުން ލަސްވެދާނެ ކަމަށް ދެޝަޕްރީ ވިދާޅުވި އެވެ.
ލަންކާގެ ކުރީގެ ހުރިހާ ރިޔާސީ އިންތިހާބެއްގައިވެސް އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ ގިނަ ވޯޓު ލިބިފައިވެ އެވެ. ނަމަވެސް މިއަހަރަކީ 35 ކެންޑިޑޭޓުންނާ އެކު، އެގައުމުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ރައީސްކަމަށް ވާދަ ކުރާ ފަހަރެވެ. އަދި އެ އިންތިހާބުގައި ވޯޓު ލުމަށް ގާތްގަނޑަކަށް 16 މިލިއަން މީހުން ރެޖިސްޓާކޮށްފައިވެ އެވެ.
މިފަހަރުގެ އިންތިހާބުގެ ކެމްޕެއިންގައި އެންމެ އިސްކަން ދީފައިވާ ކަންތައްތަކުގެ ތެރޭގައި ގައުމީ ސަލާމަތާއި ކޮރަޕްޝަނާއި އިގުތިސާދު ހިމެނެ އެވެ. އަދި އެންމެ ގިނަ ވޯޓު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓު އަދި އެގައުމުގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އެވެ.