16 Nov 2019, 11:36
ކޮލަމްބޯ (ނޮވެމްބަރު 16): ސްރީލަންކާގެ އަށް ވަނަ ރިޔާސީ އިންތިހާބުގައި މިއަދު ވޯޓު ލުން ފެށުމުގެ ކުރިން، ވޯޓުލާން ދިޔަ މުސްލިމުން ތިބި ބަހަކަށް ބަޑިން ހަމަލާދީފި އެވެ.
ލަންކާގެ ފުލުހުން ބުނި ގޮތުގައި އެހަމަލާ ދީފައި ވަނީ ކޮލަމްބޯގެ އުތުރުން 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ޕުޓަލަމްއިން މަންނާރަށް ދަތުރު ކުރަމުން ދިޔަ 100 އުޅަނދުގެ ކޮންވޯއިއަކަށެވެ. އެހާދިސާގައި ދެބަހަކަށް ގެއްލުންވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމަށް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ.
ފުލުހުން ބުނި ގޮތުގައި ހަމަލާ ދިން މީހުން ވަނީ ބަޑި ޖެހުމުގެ އިތުރުން އެއުޅަނދުތަކާ ދިމާލަށް ގާ އުކާފަ އެވެ. އަދި އެ އުޅަނދުތަކަށް ނުދެވޭ ގޮތަށް މަގު ބަންދު ކުރުމުގެ ގޮތުން ރޯކޮށްފައިވާ ޓަޔަރާއި އެހެނިހެން ތަކެތި ބޭނުންކޮށްފަ އެވެ.
އޭގެ ފަހުން ފުލުހުން ވަނީ އެސަރަހައްދަށް ގޮސް، އުޅަނދުތަކަށް ހުރަސްއެޅޭ ގޮތަށް ބަހައްޓާފައި ހުރި އެއްޗެހި ނަގާ، ވޯޓުލާ ސްޓޭޝަންތަކަށް އެމީހުން ގެންގޮސްދީފަ އެވެ. އެހާދިސާއާ ގުޅިގެން މީހަކު ހައްޔަރު ކުރިކަން ފުލުހުން ހާމަ ނުކުރެ އެވެ.
އެހާދިސާ ހިނގާފައި ވަނީ ތަމަޅައިންގެ އާބާދީ ބޮޑު ޖަފްނާގައި ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވެ، މަގު ބަންދު ކުރާ ކަމަށް ބުނެ އެސަރަހައްދުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ފަހުންނެވެ. އަދި އޭގެ ސަބަބުން ބައެއް މީހުން ވޯޓުލާން ފަސްޖެހިދާނެ ކަމަށް ފުލުހުން އިލެކްޝަން ކޮމިޝަނަށް އެންގި ފަހުންނެވެ.
އޭގެ ފަހުން ފުލުހުން ވަނީ ސިފައިންނާ ވާހަކަ ދައްކާފައިވާ ކަމަށާއި އެމީހުން ޖަފްނާގައި ގަވާއިދާ ހިލާފަށް މަގު ބަންދު ކުރުން ހުއްޓާލާފައިވާ ކަމަށް ބުނެފަ އެވެ.
މިއަދު ހެނދުނު ލަންކާ ގަޑިން 07:00ގައި ފެށި އިންތިހާބުގެ ވޯޓު ލުން ނިމޭނީ ހަވީރު 17:00ގަ އެވެ. އަދި މިރޭ ނަތީޖާ އިއުލާން ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެ އިންތިހާބުގައި 35 ކެންޑިޑޭޓުން ވާދަ ކުރާ އިރު، އެންމެ ގިނަ ވޯޓު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ޕޮޑުޖަނަ ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު އަދި އެމަނިކުފާނުގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ ކެންޑިޑޭޓު އަދި އެގައުމުގެ ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސަ އެވެ.