22 Nov 2011, 10:52
ދިވެހިރާއްޖެ ފަދައިން، ސީސެލްސް އަކީ 115 ކުދި ޖަޒީރާގެ މައްޗަށް ބިނާވެގެން އިންޑިޔާ ކަނޑުގައި ހިމެނޭ ޤައުމެކެވެ. އެފްރިކާގެ ބައްރާއި 932 މޭލް އިރުން އޮތް ސީސެލްސް އާއި އެންމެ ކައިރީގައިވާ ޤައުމުތަކަކީ ޒަންޒިބާ، މޮރިސަސް އަދި ރިޔުނިޔަން އެވެ. އާބާދީގެ ގޮތުގައި 86،525 މީހުން އުޅޭކަމަށް ބެލެވޭ މިޤައުމުގައި ފުޓްބޯޅައަކީ ފޯރިގަދަ ކަމާއެކު ކުޅޭ ކުޅިވަރެކެވެ. އެފްރިކާގެ ފުޓްބޯޅަ ފެޑްރޭޝަން އާއި ގުޅިފައިވާ ސީސެލްސް އަށް އަދި މިހާތަނަށް ބައިނަލްއަޤްވާމީ ބޮޑު ފުޓްބޯޅަ މުބާރާތަކަށް ކޮލިފައި ވެވިފައެއް ނެތެވެ. ނަމަވެސް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްއަކީ ސީސެލްސްގެ ޤައުމީ ފުޓްބޯޅަ ޓީމުން ތަފާތު ކާމިޔާބީ ތައް މިހާތަނަށް ހޯދާފައިވާ އިވެންޓެކެވެ. މިގޮތުން އެންމެ ފަހުން އޮތް ގޭމްސްގެ ޗެމްޕިޔަން ކަން ލިބުމުގެ އިތުރަށް 1979 ވަނަ އަހަރު އޮތް ފުރަތަމަ ގޭމްސްގައި ފުޓްބޯޅައިން ދެވަނައަށް ގޮސްފައިވެއެވެ.
ސީސެލްސްގެ ފުޓްބޯޅަޓީމް އެންމެ ފަހުން އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އެއް ވަނަ ޓީމަކަށް ހޮވުނުއިރު، މި މުބާރާތުގައި ދިވެހިރާއްޖެ އާއި ސީސެލްސް މިދިޔަ އޮގަސްޓް މަހުގެ ނުވަ ވަނަ ދުވަހު ބައްދަލުކުރި މެޗުން ސީސެލްސް މޮޅުވީ 5 ލަނޑު 1 ލަނޑުގެ ތަފާތަކުންނެވެ.
ސީސެލްސް ރާއްޖެ އައުމުގެ ކުރިން މިމަހުގެ ތެރޭގައި ވޯލްޑްކަޕް ކޮލިފައިންގެ ދެމެޗެއް ކެންޔާއެކު ވަނީ ކުޅެފައެވެ. ނޮވެމްބަ 11 ވަނަ ދުވަހު ކުޅުނު މެޗުން ކެންޔާ މޮޅުވީ 3 ލަނޑު 0 ލަނޑުންނެވެ. އަދި ނޮވެމްބަރު 15 ވަނަ ދުވަހު ކެންޔާގައި ސީސެލްސް ބަލިވީ 4 ލަނޑު 0 ލަނޑުންނެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ މިފަދަ މުބާރާތެއްގެ މެޗްތަކެއް ކުޅުމަށް ފަހު ހަފްތާ އެއްގެ ތެރޭގައި މިޓީމް އޮންނާނީ ފުރިހަމަ އަށް ވާދަވެރި މެޗެއްގައި ކުޅޭވަރަށް ތައްޔާރު ވެފައެވެ.
ރާއްޖެ އާއި ސީސެލްސް މިރޭ ބައްދަލުކުރާ މެޗަށް ސީސެލްސްގެ ޤައުމީ ފުޓްބޯޅަޓީމް ވާނީ ތައްޔާރުވެފައެވެ. އަދި ޓީމްގެ ފިޓްނަސް ހުންނާނީ މިފަދަ މެޗްތަކަށް އެންމެ އެކަށީގެންވާ ވަރަށް ކަމަށް ބެލެވެއެވެ.
ސީސެލްސް ޓީމުގައި ތިބި ފާހަގަ ކުރެވޭ ކުޅުންތެރިންނަށް ބަލާލާއިރު އުމުރުން 37 އަހަރުގެ ގޯލް ކީޕަރު ނެލްސަން ސޯފައާ އަކީ މިޓީމްގައި ހިމެނޭ އެންމެ ތަޖުރިބާ ކުޅުންތެރިޔާ އެވެ. ސީސެލްސްގެ ފޯވާޑް ކުޅުންތެރިޔާ އުމުރުން 30 އަހަރުގެ ކެވިން އެޑީ ލުއިސް އަކީ އިނގިރޭސިވިލާތަށް އުފަން ކުޅުންތެރިއެކެވެ. މީނާ އިނގިރޭސިވިލާތުގެ ޕްރިމިއަރލީގްގެ ފުލްހަމް އާއިބ ދެވަނަ ޑިވިޒަންގެ ހަލް ސިޓީ އަދި ބަންސްލީ އަށް ކުޅެފައިވެއެވެ. މީގެ އިތުރަށް މީނާ އޯލްޑް ހަމް އެތްލެޓިކް ފުޓްބޯޅަ ޓީމަށް ކުޅުނުއިރު 2004 ވަނަ އަހަރު މެންޗެސްޓާ ސިޓީ އެފްއޭކަޕުން ބަލިކުރި ޓީމުގައި މުހިންމު ރޯލެއް އަދާކޮށްފައިވެއެވެ. މިހާރު މީނާކުޅެނީ ތިން ވަނަ ޑިވިޒަންގެ ވިކޮމްބޭ ވެންޑާސް އަށެވެ.