ވިއެޓްނާމްގެ ވެރިރަށް ހަނޯއިގެ މަގުތައް ފުރާލާފައި ވަނީ ސައިކަލުންނެވެ. އަށް މިލިއަން މީހުން ދިރިއުޅޭ އެސިޓީގައި ހަ މިލިއަން ސައިކަލު ރެޖިސްޓާކޮށްފައިވެ އެވެ. އަދި ވިއެޓްނާމްއިން ދަނީ އޭގެ ސަބަބުން ވައި ތަޣައްޔަރުވުމާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލަތައް ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތައް ހޯދަމުންނެވެ.

ވިއެޓްނާމްގެ ޑިޕާޓްމެންޓް އޮފް ޓްރެފިކް ސޭފްޓީއިން ބުނި ގޮތުގައި ފާއިތުވި 30 އަހަރު އަހަރު ތެރޭ އެގައުމުގައި ސައިކަލު ބޭނުން ކުރާ އަދަދު ވަނީ 48 ގުނަ އިތުރުވެފަ އެވެ. އަދި ހަނޯއިގައި ހަ މިލިއަން ސައިކަލު ބޭނުން ކުރާ އިރު، އެސިޓީގައި ގެންގުޅެނީ 700،000 ކާރެވެ. އެ ތަފާތު އަންނަ މައިގަނޑު ސަބަބަކީ ކާރަށް ވުރެ ސައިކަލުގެ އަގު ހެޔޮވުމާއި، ދަތުރު ކުރެވޭ ގޮތްވެސް އަވަސްވުމެވެ.

ނަމަވެސް ހަނޯއިގައި އުޅަނދުތައް ގިނަވުމުގެ ސަބަބުން އެސިޓީގައި ނުރައްކާތެރި މިންވަރަކަށް ވައި ތަޣައްޔަރުވުމާއި ޓްރެފިކް ތޮއްޖެހުމާއި އެކްސިޑެންޓުތައް ގިނަވުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

އޭގެ ސަބަބުން 2017 ވަނަ އަހަރު ވިއެޓްނާމްގެ ސަރުކާރުން ވަނީ 2030 ވަނަ އަހަރު ހަނޯއިގެ ޓްރެފިކް ބޮޑު ސަރަހައްދުތަކުގައި ސައިކަލު ބޭނުން ކުރުން މަނާ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އޭގެ ކުރިން އެސިޓީގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ޕަބްލިކް ޓްރާންސްޕޯޓް ބޭނުން ކުރާނެ ގޮތަށް، އެހިދުމަތް ފުޅާ ކުރާނެ ކަމަށް ބުނެފަ އެވެ.

ވިއެޓްނާމް ސަރުކާރުން ވަނީ 2030ގައި ހަނޯއިގައި ސައިކަލުތައް މަނާ ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އޮބްޒާވާ

އެހެންނަމަވެސް 2011 ވަނަ އަހަރު ހަނޯއިގައި އަޅަން ފެށި މެޓްރޯ ސިސްޓަމްގެ މަސައްކަތް އެތައް ފަހަރަކު ލަސްވެ، އަދި ވެސް ހުޅުވޭ ގޮތެއް ވެފައި ނުވެ އެވެ. އެހެންކަމުން ހަނޯއިގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ކުރިއަށް އޮތް 10 އަހަރު ތެރޭ އެސިޓީގެ ރައްޔިތުންނަށް ސައިކަލުތައް އެއްކޮށް ދޫކޮށްލެވޭނެ ކަމުގެ ޝައްކެއް ތެރޭގަ އެވެ.

ވިއެޓްނާމްގެ ތަފާތު އުޅަނދުތައް އުފައްދާ ކުންފުންޏެއް ކަމަށްވާ ވިންފާސްޓްއިން ބުނާ ގޮތުގައި ހަނޯއިގެ ހާލަތު އިތުރަށް ގޯސްވުން ހުއްޓުވުމަށް ޓަކައި ދެން ކުރެވެން އޮތް ކަމަކީ، ޖައްވަށް ނުރައްކާތެރި ގޭސް ބޭރު ކުރާ ސައިކަލުތަކުގެ ބަދަލުގައި ތިމާވެއްޓާ ރަށްޓެހި ސައިކަލު ބޭނުން ކުރަން މީހުން ފެށުމެވެ. އެގޮތުން ވިންފާސްޓުން ވަނީ އެކުންފުނީގެ ފުރަތަމަ އިލެކްޓްރިކް ސްކޫޓަރު މިދިޔަ އަހަރު ލޯންޗުކޮށްފަ އެވެ.

ވިންފާސްޓުން ބުނި ގޮތުގައި އެ ސްކޫޓަރުން ޖައްވަށް ބޭރުކުރާ ނުރައްކާތެރި މާއްދާތައް މަދުވެފައި އަޑުވެސް މަޑުވާނެ އެވެ. އަދި ފުލްކޮށް ޗާޖް ކުރުމުން އޭގެއިން 90 ކިލޯމީޓަރަށް (56 މޭލަށް) ދަތުރު ކުރެވޭނެ އެވެ.

ނަމަވެސް ބައެއް ރިޕޯޓުތަކުގައިވާ ގޮތުން މިހާރު ހަނޯއިގައި ކާރު ބޭނުން ކުރާ މިންވަރު ވެސް ދަނީ ހަލުވިކަމާއެކު އިތުރުވަމުންނެވެ. އަދި އޭގެ ސަބަބުން 2030 އަންނަންވާއިރަށް އެސިޓީގައި ޓްރެފިކާއި ތިމާވެށީގެ މައްސަލަތައް އިތުރަށް ގޯސްވުން އެކަށީގެންވެ އެވެ.