22 Nov 2011, 10:38
މަޖިލީހުން ބޭރުކޮށްލި ނަމަވެސް ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލު އަލުން މަޖިލީހަށް ވައްދާނެ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް އިއްޔެ ވިދާޅުވީ ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލް ބޭރު ކޮށްލުމަކީ އެމްޑީޕީން ކުރި ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އެއީ ކޮރަޕްޝަން ނައްތާލުމަށޭ ބުނެ، ސަރުކާރާއި އެމްޑީޕީން ދައްކާ ވާހަކަތަކުގެ އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަން ހާމަވާ އަމަލެއް ކަމަށެވެ.
"މި ބިލަކީ ކޮރަޕްޝަނަށް މަގު ފަހިވިޔަ ނުދިނުމަށްޓަކައި، ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި ވަރަށް މުހިންމު ބިލެއް. ބިލް މި ހިސާބަށް އައިސް މަޖިލީހުގެ އެތައް ވަގުތެއް ހޭދަވެ، ފުރަތަމަ އެ ބިލް ބަލައިގަތުމަށް އެމްޑީޕީން ވޯޓެއް ނުދިން. އެ ބިލާ ބެހޭ ގޮތުން ހެޔޮ ގޮތުގައި ވާހަކަ ދައްކާފައި ވެސް އެ ބޭފުޅުން ވޯޓެއް ނުދެއްވި. ދެން އެއަށް ފަހު އެ ބިލް ކޮމިޓީ އަށް ފޮނުވުމަށް ވެސް އެ ބޭފުޅުން ވޯޓެއް ނުދެއްވި،" މައުސޫމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީގައި ޕްރޮކިއުމަންޓާ ގުޅޭ ސެކްޝަނެއް ހަދަން ސަރުކާރަށް ހުށަހެޅި ހުށަހެޅުމެއް މަޖިލީހުން ފާސް ކޮށްދިނުމުން މިހާރު އެ މަސައްކަތްކުރާ ކަމަށެވެ. ނަމަވެސް މަސައްކަތް ބައްޓަންކުރަން ގާނޫނީ އޮނިގަނޑެއް ނުހަދައިފި ނަމަ، އެ މަސައްކަތުގެ ތެރެއިން ކޮރަޕްޝަނަށް ވަރަށް ބޮޑަށް މަގު ފަހިވެދާނެ ކަމަށެވެ.
މަޖިލީހުން ބޭރުކޮށްލި ބިލް ފާސް ވިނަމަ ކޮރެޕްޝަނުގެ އަމަލުތައް ހިންގަން ސަރުކާރަށް ފަސޭހަ ނުވާނެ ކަމަށާއި އެ ބިލުގެ އެންމެ މުހިންމު ބޭނުމަކީ ދައުލަތަށް ތަކެތި ގަތުމާއި ހޯދުމުގައި އަމަލުކުރާނެ އޮނިގަނޑެއް އެކަށައެޅުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޭރުކޮށްލި ބިލުގައި ދައުލަތުން ތަކެތި ގަތުމުގަ އާއި ދައުލަތަށް ބޭނުންވާ ޕްރޮޖެކްޓްތައް ހަވާލު ކުރުމަށް އުސޫލުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ތަކެތި ގަނެ ބޭނުންކުރާ ގޮތް މޮނިޓާ ކުރުމަށް ވެސް ހިމަނައިފައިވެ އެވެ. އޭގެ އިތުރުން ޓެންޑާ އިވެލުވޭޝަން ބޯޑަށް ބާރުތަކެއްދީ، އެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގައި މަޖިލީހުގެ ރޯލު އޮތުމަށް ވެސް ހިމަނައިފައި އޮތެވެ.
ސަރުކާރަށް ތަކެތި ގަތުމާއި ޚިދުމަތް ހޯދުމުގެ ބިލު ފާސްކުރަން ފެނޭތޯ އިއްޔެ މަޖިލީހުގައި ވޯޓަށް އެހުމުން ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 21 މެންބަރުންނެވެ. ބިލު ފާސްކުރަން ބޭނުން ވަނީ 31 ވޯޓެވެ.