22 Nov 2011, 10:11
ޑީއާރްޕީގެ ޓިކެޓްގައި ހއ. ފިއްލަދޫ ކައުންސިލަށް އިންތިޚާބުވި އާދަމް އިނާޒް ޕާޓީން ވަކިކޮށް ޑީއާރްޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާތީ ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އިނާޒް ޑީއާރްޕީން ވަކިކޮށްފައިވާ ކަމަށް އެ ޕާޓީން ކޮމިޝަނަށް ހުށަހަޅާފައިވާތީ އެކަން ދިރާސާ ކުރަމުން އަންނަކަމަށާއި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނީ ޓީމުން މިހާރު ގެންދަނީ އެ މައްސަލަ ދިރާސާ ކުރަމުން. އަޅުގަނޑުމެން މި އުންމީދު ކުރަނީ ވަރަށް އަވަހަށް ގޮތެއް ކަނޑައެޅޭނެކަމަށް.،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ އިނާޒު ޕާޓީން ވަކިވެއްޖެކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ ދުވަހު ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން އިއުލާން ކުރައްވާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެމްޑީޕީ އަށް ސޮއިކުރައްވާފައިވާކަމަށް ބުނެ އާދަމް އިނާޒްގެ ނަމުގައި އެ ކޮމިޝަނަށް ސިޓީއެއް ލިބިފައިވާކަމަށެވެ. އެ ސިޓީއަކީ އިނާޒް ފޮނުއްވެވި ސިޓީއެއްތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކޮމިޝަނުން ކުރާ ކަމަށް ވެސް ބުންޏެވެ. އިނާޒް އެމްޑީޕީއަށް ސޮއިކުރެއްވިކަން ރަސްމީކޮށް ކޮމިޝަނަށް އެނގިފައި ނުވާކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
ފިއްލަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާން މިއަދު ވިދާޅުވީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިނާޒް ކައުންސިލް އިދާރާއަށް ހާޒިރުވެވަޑައި ނުގަންނަވާ ކަމަށާއި، އޭނާ އެމްޑީޕީއަށް ސޮއިކުރައްވާފައިވާ ކަމަށް ވިދާޅުވެ ކައުންސިލް އިދާރާއަށް ސިޓީއެއް ވެސް ފޮނުއްވާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އިނާޒުގެ ބަހެއް މިއަދު ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އޭނާ ކުރިން ވިދާޅުވެފައި ވަނީ ވިދާޅުވީ ޕާޓީން ޑީއާރްޕީން ވަކި ކުރި ކަމުގެ ސިޓީ ލިބިވަޑައިގެންފައިވާ ކަމަށާއި ކައުންސިލްގެ މެމްބަރުކަމުން އޭނާ ވަކިވެފައިވާކަން ގަބޫލުކުރައްވާ ކަމަށެވެ.
ފިއްލަދޫ ކައުންސިލުގެ ނައިބު ރައީސަކަށް ހުންނެވި އިނާޒު ޑީއާރްޕީން ވަކިކުރީ އެ ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވައިގެނެވެ. ވިޖާނަކީ ވެސް ޑީއާރްްޕީގެ މެންބަރެކެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 119 ވަނަ މާއްދެ (ބ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލައިގެން އިންތިޚާބުވާ ފަރާތްތައް، އިންތިޚާބުވިއިރު، ނިސްބަތްވި ޕާޓީން ވަކިވުން، ނުވަތަ އެމީހަކު ނިސްބަތްވާ ޕާޓީއަކުން ވަކިކޮށްފިނަމަ ކައުންސިލަރު ކައުމުގެ މަގާމުން ވަކިވާނެ ކަމަށެވެ.